ގޯތި ދޫކުރަން ބިން ހިއްކިތާ ދިހަ އަހަރުވީ އެވެ. ނަމަވެސް އޭދަފުށީގެ ރައްޔިތުންނަށް އަދިވެސް ގޯއްޗެއް ނުލިބެއެވެ. މި އަހަރު ނިމެން ކައިރިވާއިރުވެސް، ގޯތި ލިބޭނެކަމުގެ އުންމީދު ކުޑަވަމުންދާ ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ގިނަ މީހުން ދެކޭގޮތުގައި އިންތިޚާބެއް ކައިރި ނުވާތީއެވެ.
“ދެން އިންތިޚާބެއް އޮންނާނީ 2026 ގައި. އޭރަށް މިކަން ދިގުދަންމާލަން އެމީހުން ބޭނުންވާނެ. ވޯޓަށް ގޯތި، ވޯޓަށް ފްލެޓް – މިއީ އަޅުގަނޑުމެން ހެދޭ ގޮތް،” އެންމެ ކޮޓަރިއެއްގައި އަނބިމީހާއާ އެކު ތިންކުދިން ގޮވައިގެން އުޅޭ ޒުވާނަކު ބުންޏެވެ.
ގޯތިދިނުމުގެ ކަންކަން ލަސްވަމުންދާތީ، އެކަން އަވަސް ކުރުމަށް ޓަކައި ރަށުގެ ބަޔަކު ކުރި މުޒާހަރާތަކަށް ކެތްނުކުރެވިގެން ކައުންސިލުން ފުލުހުން މެދުވެރިވެ މުޒާހަރާގެ ބައިވެރިންނާ މަޝްވަރާކޮށްފައިވެއެވެ.
މުޒާހަރާގެ އިސް ފަރާތްތަކާ ކުރެވުނު މަޝްވަރާއަށް ފަހު، އޭދަފުށީ ކައުންސިލުން އާންމުކުރި ޓައިމްލައިންގައި ވާގޮތުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުވެސް އާންމުކޮށްލެވޭވަރު ވާނީވެސް މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށެވެ.
އެހެންވެ، ޔަގީންވާ ކަމަކީ މިއަހަރު ނިމުމުގެ ކުރިން މިރަށުގެ ހިއްކާފައިއޮތް ބިމުން ގޯތި ނުދެވޭނެކަމެވެ.
“ކައުންސިލުން އަބަދުވެސް ބުނަނީ ގޯތި ލިބޭނޭ، މަސައްކަތް ހަލުވިކޮށް ދާ ވާހަކަ. އެކަމަކު ނަތީޖާއެއް ނުފެނޭ،” އިހުތިޖާޖުކުރި މީހަކު ބުންޏެވެ.
ކައުންސިލް މިހާރު އޮތީ “ޗާބީ ދީފައި” ކަމަށް ބައެއް ރައްޔިތުން ދެކެއެވެ. އަސާސީ ޙައްޤުތައް ހޯދައިދިނުމުގައި ކައުންސިލް ވަނީ ނާކާމިޔާބުވެފައެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ މައްސަލައިގައި ކައުންސިލްގެ މަސައްކަތް ވަނީ ހުއްޓިފައެވެ.
“އަހާލާއިރަށް ބުނާނީ އަތޮޅު ކައުންސިލޭ، އެލްޖީއޭއޭ، ހައުސިންގ މިނިސްޓްރީއޭ… މިހެން ކިޔަކިޔާ ތިއްބާ އެހެން ރަށްރަށުން ގޯތިދީ ނިންމައިފި،” ގޯއްޗަށް ފޯމުލައިގެން އިންތިޒާރުގައި ހުރި 4 ކުދިންގެ މަންމަ ބުންޏެވެ.
އޭދަފުށީ ކައުންސިލުން ގޯތިދޫކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާމެދު ހިތްހަމަ ނުޖެހޭން ފާޅު ކުރަމުން ގެންދިޔަ ދަނޑިވަޅުގައި ކައުންސިލަރުންގެ ޓީމެއް ވަނީ ކައުންސިލްގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން މާލެ ގޮސް، ހައުސިންގ މިނިސްޓްރީގެ ޓީމަކާ ބައްދަލުވެސް ކޮށްފައެވެ.
ނަމަވެސް އެބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު އަދި ދާއިރާގެ މަޖިލިސް މެންބަރުވެސް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެ ދަތުރުގެ ކުރިން، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢު 1000 ފްލެޓްގެ ކުރެހުން ދައްކާލުމާއި އެ މަޝްރޫޢު ގޮސްފައިވާ ހިސާބު ރައްޔިތުންނަށް ހާމަކުރުމަށް ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ވިދާޅުވީ މާލެދަތުރުގެ ހަވާސާގައި ފްލެޓް މަޝްރޫޢު ކުރިއަށް ގެންދާ ފަރާތާއެކުވެސް މަޝްވަރާ ކުރުން އޮންނާނެކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް އަޕްޑޭޓެއް ލިބިފައެއް ނުވެއެވެ.
އޭދަފުށީގެ ރައްޔިތުން މިއަދު ތިބީ އުއްމީދު ކުޑަވެފައެވެ. އެމީހުން ބޭނުންވަނީ ބަސްތަކެއް ނޫނެވެ. ޢަމަލީ ފިޔަވަޅުތަކެކެވެ. ސަރުކާރާއި ކައުންސިލުން މިކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަކީ މިއަދުގެ އެންމެ ބޮޑު ގޮވާލުމެވެ.
ކޮންމެހެން ޖެހޭތަ މިނިސްޓަރު ބައިވަރިވާން. ފިތުނަފަސާދަ އުފެއްދުމުގައި އަބޫޖަލަށްވުރެއް ކުރީގަ ތި އުޅުއްވަނީ