
“އެންމެނަށް އެނގޭ ބޮޑު ސިއްރު” (އީއީބީއެސް) ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެންމެނަށް އެނގޭ ބޮޑު ސިއްރަކީ އަންހެނުންގެ މައްސަރު ދުވަސްވަރުގެ ކަންތައްތަކާއި އާދަތައް، އަމިއްލަ ސިއްހަތާއި ތިމާވެއްޓަށް މަންފާވާނެ ގޮތަށް ބައްޓަން ކުރުމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޔޫއެންއެފްޕީއޭ، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ސޮނެވާ ނަމޫނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
ސޮނެވާ ނަމޫނާއިން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން 2022 ވަނަ އަހަރު ނ. އަދި ބ. އަތޮޅުގެ 9 ރަށެއްގައި 200 އަށްވުރެ ގިނަ އަންހެނުންނަށް މައުލޫމާތު ދެވުނެވެ.
ސޮނެވާ ނަމޫނާއިން މިއަދު ބުނީ، ބ. އަދި ނ. އަތޮޅުގެ ފަރާތްތަކަށް އީއީބީއެސް މަޝްރޫއުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ތަމްރީނު ދިނުމަށް ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. މި ތަމްރީނަކީ އަންހެނުންގެ ޞިއްޙަތާއި، ދެމެހެއްޓެނިވި ކަންކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކުރެވިފައިވާ ތަމްރީނެކެވެ.
އަންނަ އޮކްޓޯބަރުމަހުގެ 11 އިން 18 އަށް ދަރަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ދަތުރާއި ހުރުމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖައްސާނީ ޕްރޮގްރާމުގެ ފަރާތުންނެވެ.
ތަމްރީނުގައި ހިމެނޭ މައުލޫތަކުގެ ތެރޭގައި އިސްރާފު މަދުކުރުން، ދަރިމައިވުމުގެ ސިއްޙަތު، މައްސަރު ސައިކަލް، އަދި މައްސަރު ދުވަސްވަރުގެ ދުޅަހެޔޮކަމަށް ދިރިއުޅުން ބައްޓަންކުރުން ހިމެނެއެވެ.
ޝަރުތުތަކުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުމާއި ތިމާވެށި ހިމާޔަތްކުރުމަށް ޝައުޤުވެރިކަން ހުރުމާއި، ދިވެހި އަދި އިނގިރޭސި ލިޔަންކިޔަން އެނގުން ހިމެނެއެވެ.
ތަމްރީނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން (އަންހެން އަދި ފިރިހެން) އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައިވެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހެވެ.
ސޮނެވާ ނަމޫނާއިން ބުނި ގޮތުގައި މި އަހަރު އަމާޒަކީ މުސްތަގުބަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ސެޝަންތައް ހިންގާ، މި މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ފެސިލިޓޭޓަރުން ތަމްރީނު ކުރުމެވެ

