
ބ. އަތޮޅުގެ ރިސޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޢުލޫމާތު ދިނުމުގެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސެޕްޓެމްބަރ 13 އަދި 14 އަށް މި ބައްދަލުވުން ބޭއްވީ އަމިއްލާ ރިސޯޓް އެންޑް ރެސިޑެންސަސް އަދި ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި، މި އަތޮޅުގެ ރިސޯޓުތަކުގެ ސެކިއުރިޓީ އަދި މެނޭޖްމަންޓް މުވައްޒަފުން ބައިވެރިވިއެވެ.

ބ. އަތޮޅު ފުލުހުން ބުނިގޮތުއި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިހާރު ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ ރޭވުންތައް އެކުލަވާލުމެވެ.
ފުލުހުންގެ ފަރާތުން މި ބައްދަލުވުން ބޭއްވުމަށް އެހީތެރިވެދެއްވި އަމިއްލާ ރިސޯޓް އެންޑް ރެސިޑެންސަސް އަދި ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައިވެ އެވެ. އަދި ހަމައެހެންމެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ރިސޯޓުތަކަށްވެސް ޝުކުރު އަދާކޮށްފައިވެ އެވެ.

