“މޯލްޑިވްސް ވިމެން އިން ޕޮލިސިން” ބ. އަތޮޅުގައި ފާހަގަކޮށްފި

ބ. އަތޮޅުގައި ވިމެން އިން ޕޮލިސިން ދުވަސް “ލޯތްބާއެކު”ގެ ނަމުގައި ގިނަ ހަރަކާތްތަކާއެކު ފާހަގަކޮށްފި އެވެ.

ބ. އޭދަފުށީ ޕޮލިސް ސްތޭޝަނުން، އިއްޔެ އޭދަފުށީގައި ކުރިއަށް ގެންދެވުނު މި ހަރަކާތްތަކުގައި އަތޮޅުގެ ހުރިހާ ފުލުހުންގެ މަރުކަޒުތަކުން އަންހެން މުވައްޒަފުން ބައިވެރިވިއެވެ.

މިއަތޮޅުގައި މި ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ އަތޮޅުގެ އަންހެން ފުލުހުންނަށް ޚާއްޞަކޮށްގެން ބޭއްވި މާސްޓަ ޕެރޭޑަކުންނެވެ. އޭގެފަހުން، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުންނަށް އޮތް ފުރުޞަތުތަކާ ގުޅޭގޮތުން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވައިފަ އެވެ.

އަދި އަންހެން ފުލުހުންގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް، ތަޖުރިބާ ހިއްސާކުރުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިޔަ އެވެ. މީގެއިތުރުން، އޭދަފުށީގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ، އެނދުމަތިވެފައިވާ ފަރާތްތަކަށް ޒިޔާރަތްކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއަށްވެސް އިސްކަން ދެވުނެވެ. އެގޮތުން، އޭދަފުށީގެ އެކި މުއައްސަސާތަކުން ނެގުނު ޓީމަކާއި ބ. އަތޮޅުގެ އަންހެން ފުލުހުންގެ މެދުގައި ހޭންޑްބޯލް މެޗެއް އިއްޔެ ހަވީރު ކުޅެވުނެވެ.

ދުވަހުގެ ފަހު ހަރަކާތުގެ ގޮތުގައި، ރޭ ވަނީ އޭދަފުށީ ފުށިފަންނު ސަރަހައްދުގައި ހުރިހާ އަންހެން މުވައްޒަފުން ބައިވެރިވެ، ބާބަކިއު އެއް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.