
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކުގައި ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއަޅާ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ކޮންސަލްޓެންސީ އެޖެންސީއެއް ހޯދުމަށް އިޢުލާންކޮށްފައިވެއެވެ.
އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ޔުނިސެފްގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ މަޤްޞަދަކީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމެވެ.
ޕްރޮގްރާމުގެ ދަށުން މެންޓަލް ހެލްތް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވާލައި، އެކި މީޑިއާ ޕްލެޓްފޯމްތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ފެށި “ހެލްޕިން އެޑޮލެޖެންސް ތްރައިވް” (އެޗްއޭޓީ) ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ އަޚްލާޤާއި، ވިސްނުމާއި، އިޙްސާސްތަކަށް ހެޔޮ އަސަރުކުރާނެ ޓެކްނިކްތައް ދަސްކޮށްދިނުމަށްވެސް ވަނީ ރޭވިފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ދިޔަ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، އެ ކުދިންގެ ތަޢުލީމީ އަދި އިޖްތިމާޢީ ދިރިއުޅުމަށް އެދެވޭ ބަދަލުތަކެއް އަންނާނެކަމަށް އުންމީދު ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

