
ބ. އަތޮޅު ފުލުހުންގެ ފަރާތުން ގޮއިދޫ ސްކޫލުގައި އިންޓަނެޓްގެ ސަލާމަތްތެރިކަމާ ގުޅޭ ސެޝަނެއް ބާއްވައިފި އެވެ.
ފުލުހުން ބުނިގޮތުގައި، މި ސެޝަނުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް އަދި ޓީޗަރުންނަށް އަމާޒުކޮށްގެން އިންޓަނެޓް ރައްކާތެރިކޮށް ބޭނުންކުރުމުގެ މުހިންމުކަން އަންގައިދެވުނެވެ.
ސެޝަނުގައި އަލިއަޅުވާލެވުނު މުހިންމު ބައިތަކުގެ ތެރޭގައި ދަރިވަރުންގެ ސްކްރީން ޓައިމް މަދުކުރުމާއި، ސައިބަރ ބުލީންގ އިން ރައްކާތެރިވުމަށް ޢަމަލުކުރަންވީ ގޮތްތައް ހިމެނެއެވެ. އަދި ބެލެނިވެރިންނަށް ދަރިވަރުންގެ އިންޓަނެޓް ބޭނުންކުރުން މޮނިޓަރކުރާނެ ގޮތްތައް ދަސްކޮށްދެވުނުކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މަޢުލޫމާތު ދިނުމާއެކު، ސްކޭމްތަކުން ސަލާމަތްވާނެ ގޮތްތަކާއި އަމަލުކުރަންވީ ގޮތްތައް އަންގައިދެވުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

