އޭދަފުށި ކަޕަށް ހާއްސަކޮށް މަޖައްލާއެއް ނެރެފި


އޭދަފުށީގައި މިއަދު ހަވީރު ފެށި އޭދަފުށި ކަޕް 2024 އަށް ހާއްސަކޮށްގެން މަޖައްލާއެއް މިއަދު ނެރެފި އެވެ.

އޭދަފުށި ކަޕް ހާއްސަ ސަޕްލިމެންޓުގެ ނަމުގައި ތައްޔާރުކުރި މެގަޒިން މިއަދު މެންދުރު ފަހު ލޯންޗުކޮށްދެއްވީ ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު އެވެ.

މަޖައްލާ ލޯންޗުކުރުމުގެ ރަސްމިއްޔާތު އޮތީ ކުޅިވަރު ވުޒާރާގަ އެވެ.
މަޖައްލާ ތައްޔާރުކުރީ “ޖާނަލްސް އެމްވީ” ގެ ފަރާތުންނެވެ. މަޖައްލާ ލޯންޗުކުރި ރަސްމިއްޔާތުގައި ޖާނަލްސް އެމްވީގެ ބޭފުޅުންނާއި އޭދަފުށީގެ މަޝްހޫރު ބައެއް ފުޓްބޯޅަ ތަރިން ބައިވެރިވި އެވެ.

މަޖައްލާ ލޯންޗުކޮށްދެއްވުމަށް ފަހު މިނިސްޓަރު ރާފިއު ވިދާޅުވީ، އޭދަފުއްޓަކީ ފުޓްބޯޅައަށް އެންމެ ގިނަ ކުޅުންތެރިން ނެރެދީފައިވާ އެއް ރަށް ކަމަށާއި، ފުޓްބޯޅައާއި އޭދަފުއްޓާ އޮތް ގުޅުން ނުކެނޑޭނެ ކަމަށެވެ.

ފުޓްބޯޅައިގެ ކުރިއެރުމަށާއި، ދިވެހި ކުޅުންތެރިންގެ ކުރިއެރުމަށް ޖާނަލްސް އެމްވީގެ ފަރާތުން ކުރި މަސައްކަތް ފާހަގަކޮށް މިނިސްޓަރު ޝުކުރުއަދާކުރެއްވި އެވެ.

އޭދަފުށި ކަޕްގެ ކުޅުން ހަވީރު ފެށިއިރު މުބާރާތުގައި ރަށުގެ ފަސް ޓީމު ވާދަކުރެ އެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ހުސް ސޮންގުން ފުޓްބޯޅަ ޓީމާއި ކައްކަނީ އެފްސީގެ އިތުރުން އިރުމަތި އެފްސީ، ވެލާ ސްޕޯޓްސް ކްލަބް އަދި ވީ ވެލާ އެވެ.

މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖާނަލްސް އެމްވީ އިން ނެރުނު މަޖައްލާ މާލެއިންނާއި އޭދަފުށިން މިހާރު ގަންނަން ލިބޭނެ އެވެ. މަޖައްލާ ގަންނަން ބޭނުންފާ ފަރާތްތަކުން 7740374 އަށް ގުޅުމަށް އެދެ އެވެ.

އޭދަފުށި ކައުންސިލްގެ މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.