ހުސް ސޮންގުންނާއި ކައްކަނީގެ މެޗު އެއްވަރު

ހުސް ސޮންގުންނާއި ކައްކަނީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/އޭދަފުށި ކައުންސިލް

އޭދަފުށި ކަޕް 2024 ފެށުމުގެ ގޮތުން މިއަދު ހަވީރު ހުސް ސޮންގުންނާއި ކައްކަނީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ފުރަތަމަ ހާފުގައި ހުސް ސޮންގުންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. އެ ހާފުގައި އެޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ.

ދެވަނަ ހާފު ކައްކަނީ އިން ފެށީ ވަރުގަދަކޮށެވެ. ހާފު ފަށައިގެން އެޓީމުގެ ހަމަލާތައް ވަރުގަދަކޮށް ގޯލު ކާމިޔާބުކުރި އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރައްޒާން ރަޝީދު އެވެ. އޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ ރައްޒާން ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އެ ގޯލަށް ފަހު ކައްކަނީ އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއްގައި އެ ޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ.

މެޗުގެ ފަހުކޮޅު ވެސް މޮޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ކައްކަނީ އިން ތަނަވަސްކުރި އެވެ. ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ފާހަގަކުރެވުނެވެ.

ހުސް ސޮންގުންނާއި ކައްކަނީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/އޭދަފުށި ކައުންސިލް

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކައްކަނީގެ ރައްޒާން ރަޝީދެވެ.

ހުސް ސޮންގުންނަކީ މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަނުންނެވެ. އެކަމަކު މިދިޔަ އަހަރު އެޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިންތަކެއް މިއަހަރު އެ ޓީމުން ނުފެނެ އެވެ. އޭގެތެރޭގައި އިޝާން އިބްރާހީމް (ސައްޓު) އާއި އުނައިޝް ޒުބައިރު އަދި އަލީ ނަސީމް ހިމެނެ އެވެ. ޓީމު ވަރުގަދަކުރަން ހުސް ސޮންގުން ޓީމުން މިފަހަރު ބިދޭސީ ދެ ކުޅުންތެރިން ވަނީ ގެނެސްފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލާ ސްޕޯޓްސް ކްލަބާއި ވީ ވެލާ އެވެ. މިއީ ވެލާ ޖަމިއްޔާ އަށް ނިސްބަތްވާ ދެ ކްލަބެވެ.

މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ. މިއީ އޭދަފުށި ކަޕްގެ ތާރީހުގައި ރޭގަނޑު ކުޅޭ ފުރަތަމަ މެޗެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.