މިހާރު ކުރިއަށްދާ އޭދަފުށި ކަޕްގައި ވީ ވެލާއާ ވާދަކޮށް ހުސް ސޮންގުން 0-7 އިން މޮޅުވެއްޖެ އެވެ.
މިރޭގެ މޮޅަކީ މުބާރާތުގައި ހުސް ސޮންގުންނަށް ލިބުނު ފުރަތަމަ މޮޅެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު، ހުސް ސޮންގުން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ފުރަތަމަ މެޗުގައި ކައްކަނީ އެފްސީއާ ވާދަކޮށް 1-1 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި އިރުމަތި އެފްސީއާ ވާދަކޮށް އެއްވަރުވީ 0-0 އިންނެވެ.
ޗެމްޕިއަނުންގެ ހައިސިއްޔަތުން ނުކުމެ ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބުމުން، މިރޭގެ މެޗަށް ނުކުތްއިރު ހުސް ސޮންގުންނަށް ޕްރެޝަރު އޮތެވެ.
|
ތިން މެޗުން ހޯދި ފަސް ޕޮއިންޓާ އެކު ހުސް ސޮންގުން މިވަގުތު އޮތީ ލީގު ބުރުގެ އެއް ވަނައިގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ހުސް ސޮންގުން ނުކުންނާނީ ވެލާ ސްޕޯޓްސްއާ ދެކޮޅަށެވެ.
މެޗުގައި ވީ ވެލާ ކޮޅަށް ހުސް ސޮންގުން ޖެހި ހަތް ގޯލުގެ ތެރެއިން އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) އާއި ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަފްނާން، އަހުމަދު ހަނީފް އަދި އަލީ ޝަހީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު އަޖުފާން އެވެ. މުޅި މެޗު ފުރިހަމަކުރި އަޖުފާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގައި ދެ ގޯލު ޖެހި ހުސް ސޮންގުން ޓީމުގެ މަޖިއްޓޭއަކީ އުމުރުން 46 އަހަރުގެ ކުޅުންތެރިއެކެވެ. އެ އުމުރުގައި ވެސް މަޖިއްޓޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މުބާރާތުގައި މަޖިއްޓޭ ވަނީ މިހާތަނަށް ތިން ގޯލު ޖަހައިފަ އެވެ.
ހުސް ސޮންގުންގެ މޮޅާ އެކު ލީގު ބުރުގެ އެއްވަނަ ހޯދުމުގެ ރޭހާއި ޕްލޭއޮފް މެޗުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ވާދަކުރާ މެޗުގައި ބައްދަލުކުރާނީ ކައްކަނީ އާއި ވެލާ ސްޕޯޓްސް ކްލަބެވެ. މާދަމާ ރޭ ކުޅޭނީ ވީ ވެލާ އާއި އިރުމަތި އެފްސީ އެވެ.
މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކަށް ފެހި ސްޕީޑް ހަމަޖައްސާފައި ވާއިރު ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސް އެވެ.
ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. ބެވަރޭޖް ޕާޓްނަރަކީ ލައިފް ވޯޓާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި މައިލޯ މޯލްޑިވްސް އާއި އަޒްޑިއޮން، އެލް މޯބައިލް އަދި އެމް 7 ހިމެނެ އެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.