ވާދަވެރި ދެ އަވައްޓެރިން ސެމީގެ ވަރުގަދަ ކުރިމަތިލުމަކަށް މިއަދު ނުކުންނަނީ

ލީގު ބުރުގެ ފަހު މެޗުގައި ވެލާ ސްޕޯޓްސް ކްލަބާއި ހުސް ސޮންގުން ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/އޭދަފުށި ކައުންސިލް

އޭދަފުށި ކަޕް 2024 ގެ ފައިނަލުގެ ޖާގައެއް ހޯދަން ހުޅަނގު އަވަށަށް ނިސްބަތްވާ ވެލާ ސްޕޯޓްސް ކްލަބާއި ހުސް ސޮންގުން ފުޓްބޯޅަ ޓީމު މިއަދު ނުކުންނާނެ އެވެ.

މިއަދުގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނީ އިރުމަތި އެފްސީއާ އެވެ. އިރުމަތި އެފްސީ ފައިނަލުގެ ސީދާ ޖާގަ ކަށަވަރުކުރީ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ލީގު ބުރުގެ އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ފަސް ޓީމު ވާދަކުރި ލީގު ބުރުގެ ދެ ވަނަ ލިބުނީ 7 ޕޮއިންޓާ އެކު ވެލާ ސްޕޯޓްސް ކްލަބަށެވެ. ހުސް ސޮންގުން ތިން ވަނައިގައި ނިންމާލީ 6 ޕޮއިންޓާ އެކު އެވެ. މުބާރާތުން ކެޓީ 4 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ދިޔަ ކައްކަނީ އެފްސީ އާއި މޮޅެއް ނުލިބި ފުލަށްދިޔަ ވީ ވެލާ އެވެ.

ވެލާ ސްޕޯޓްސް ކްލަބާއި ހުސް ސޮންގުންނަކީ އޭދަފުށީ ފުޓްބޯޅައިގެ ވަރުގަދަ ދެ ނަމެވެ. އެ ދެޓީމުން ވެސް ވަނީ ފުޓްބޯޅައިގައި މުހިއްމު ކާމިޔާބީތައް ހޯދައިފަ އެވެ.

ހުސް ސޮންގުން ވަނީ އޭދަފުށީގައި ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މުބާރާތް ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. އޭރު މުބާރާތް ކުޅުނީ ކުރިން އޮތް ވެލި ދަނޑުގަ އެވެ. އާ ސްޓޭޑިއަމްގައި އެޓީމުން ވަނީ މިދިޔަ އަހަރުގެ އޭދަފުށި ކަޕް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓްރޮފީއާއެކު ހިސް ސޮންގުން ޓީމު ކުޅުންތެރިން އުފާފާޅުކުރަނީ– ފޮޓޯ/އޭދަފުށި ކައުންސިލް

ވެލާ ސްޕޯޓްސް އިން ފުރަތަމަ ފަހަރަށް ބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ 2018 ވަނަ އަހަރު އެވެ. އޭގެފަހުން އެ ޓީމު ވަނީ ފައިނަލަށް ދަތުރުކޮށް ނާކާމިޔާބުވެފަ އެވެ.

އޭދަފުށި ކަޕްގައި މިދިޔަ ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ފައިނަލުގައި ކުޅެ ވެލާ ސްޕޯޓްސް ބަލިވި އެވެ. އެއީ 2021 ވަނަ އަހަރު އެމްއޭ ޔުނައިޓެޑް އަތުންނާއި މިދިޔަ އަހަރު ހުސް ސޮންގުން އަތުންނެވެ.

މިއަހަރު ވެލާ ސްޕޯޓްސްގެ ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އެ ޓީމުގައި އޭދަފުށީގެ މަޝްހޫރު ކުޅުންތެރިންނާއި ރަށުން ބޭރުން މޮޅެތި ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. ކޯޗަކީ އަހުމަދު ނިޔާޒް (ނިޔާ) އެވެ.

މިދިޔަ އަހަރު ހުސް ސޮންގުންނާ އެކު ތަށި ހޯދި ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން މިފަހަރު ހިމެނެނީ ވެލާ ޓީމުގަ އެވެ. އޭގެތެރޭގައި އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ނަސީމް އަދި އުނައިޝް ޒުބައިރު ފާހަގަކޮށްލެވެ އެވެ.

މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ހުސް ސޮންގުން މޮޅުވާން ދަނިކޮށް ވެލާ އިން އެ މެޗުގައި ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގަ އެވެ.

ވާދަވެރި މެޗާ ކުރިމަތިލާއިރު ދެޓީމުން ވެސް އަންނަނީ ރަށުން ބޭރުގައި ތިބި މުހިއްމު ކުޅުންތެރިން މިއަދުގެ މެޗަށް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެއް ކުޅުންތެރިޔަކީ ވެލާގެ ސައްޓު އެވެ. މިވަގުތު ކްލަބް މޯލްޑިވްސް ކަޕް ކުޅެން މާލޭގައި ހުރުމާ އެކު ސައްޓު ވެލާ ޓީމަށް ކުޅުނީ އަދި އެންމެ މެޗެވެ. ހުސް ސޮންގުންނާ ދެކޮޅަށް ކުޅުނު އެ މެޗުގައި ވެސް ސައްޓު ކުޅެން އެރީ ފަހު 15 މިނެޓަށެވެ. އެކަމަކު މިއަދުގެ މެޗު ކުޅެން ސައްޓު އޭދަފުއްޓަށް އަންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ލީގު ބުރުގެ ފަހު މެޗުގައި ވެލާ ސްޕޯޓްސް ކްލަބާއި ހުސް ސޮންގުން ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/އޭދަފުށި ކައުންސިލް

ސެމީގެ މެޗުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ވެލާ ސްޕޯޓްސް އާއި ހުސް ސޮންގުންނަކީ އެއް އަވަށަކަށް ނިސްބަތްވާ ދެ ކްލަބެވެ. އެކަމަކު ފުޓްބޯޅަ ދަނޑުގައި ދެޓީމު ވެސް ފެންނަނީ ވަރުގަދަ ވާދަވެރި ކަމެކެވެ. މިދިޔަ އަހަރުތަކުގައި ދެޓީމުގެ ކުރިމަތިލުންތަކުން ފެނުނު ވާދަވެރިކަން މިއަދުގެ ސެމީ މެޗުން ވެސް ފެންނާނެ އެވެ.

އޭދަފުށި ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ. މިއަދު ކުޅޭ ސެމީ ފައިނަލް މެޗު އޭދަފުށި ސްޓޭޑިއަމްގައި ފަށާނީ ހަވީރު 3:50 ގަ އެވެ.

މިއަހަރު އޭދަފުށި ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.