މެޗުގެ ފަހު ވަގުތު އިޝާން އިބްރާހީމް (ސައްޓު) ވައްދާލި ގޯލާ އެކު 0-1 އިން ހުސް ސޮންގުން ބަލިކޮށް ވެލާ ސްޕޯޓްސް ކްލަބް އޭދަފުށި ކަޕް 2024 ގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެއްވަރުވާން ދިޔަ މެޗުގައި ސައްޓު ގޯލު ޖެހީ ފަހު މިނެޓުގައި އެޓީމުން ނެގި ކޯނަރެއްގަ އެވެ. ހުސައިން ޝަރީފް (މުޑާ) ނަގައިދިން ކޯނަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ބޮލުން ޖައްސާލުމުން ލިބުނީ އޭރިޔާތެރޭ ހުހަށް ހުރި ސައްޓު އަށެވެ. ސައްޓު ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.
ކުރީގެ ކްލަބް ކޮޅަށް ގޯލު ޖެހުމަށް ފަހު ސައްޓު ވަނީ އިހުތިރާމް އަދާކޮށްފަ އެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެލާ ސްޕޯޓްސް އިންނެވެ. އެކަމަކު ގޯލު ވަނުމާ ހަމައަށް ވެލާ ސްޕޯޓްސްގެ ހަމަލާތައް ހުއްޓުވުމުގައި ހުސް ސޮންގުންގެ ޑިފެންސާއި ގޯލްކީޕަރު މޮޅު ކުޅުމެއް ދެއްކި އެވެ.
ދެ ވަނަ ހާފުގައި ކައުންޓަ އެޓޭކަށް އިސްކަންދީގެން ކުޅެ ހުސް ސޮންގުންނަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެލާގެ ގޯލްކީޕަރު އަޖުފާން މަތަކުރި އެވެ.
ހުސް ސޮންގުންނަކީ މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަނުންނެވެ. ވެލާ ވަނީ ފުރަތަމަ ތިން މުބާރާތުގެ ތެރެއިން ދެ ފައިނަލުގައި ބަލިވެފަ އެވެ. މިއީ އެޓީމު މުބާރާތުގައި ނުކުންނަ ތިން ވަނަ ފައިނަލެވެ.
ވެލާ ސްޕޯޓްސްއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ލީގު ބުރުގެ އެއް ވަނަ ހޯދި އިރުމަތި އެފްސީ އެވެ. އިރުމަތި އެފްސީ ވަނީ ލީގު ބުރުގެ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފަ އެވެ.
ލީގު ބުރުގައި އިރުމަތި އެފްސީ އިން ވަނީ 0-1 އިން ވެލާ ސްޕޯޓްސް ބަލިކޮށްފަ އެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު އެވެ.
މިއަހަރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.