ޓިކެޓް ހުސްވުމުން ކޮޅަށް ތިބެގެން މެޗު ބަލަން ވަދެވޭ ގޮތް ހަދައިފި

މިއަދު އޭދަފުށީގައި ކުޅޭ ބޮޑު ފައިނަލް މެޗަށް ޓިކެޓްގެ ބާރު ބޮޑުވެ، ފައިނަލް މެޗަށް ހާއްސަކޮށްގެން އިތުރު ޓިކެޓްތަކެއް ވިއްކަން އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.

ފައިނަލް މެޗު މިއަދު ހަވީރު ފަށާނީ 3:45 ގަ އެވެ. މެޗުގައި ވާދަކުރާނީ އިރުމަތި އެފްސީ އާއި ވެލާ ސްޕޯޓްސް ކްލަބެވެ. މިއީ އޭދަފުށީގެ ދެ އަވަށަށް ނިސްބަތްވާ ވާދަވެރި ދެ ޓީމެވެ. އެހެންވެ މިއަދުގެ މެޗު ވެގެންދާނީ ފަހަކަށް އައިސް އޭދަފުށީގައި ކުޅޭ އެންމެ ވާދަވެރި އެއް މެޗަށެވެ.

އޭދަފުށީގައި ގާއިމްކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްބޯޅަ ސްޓޭޑިއަމްގައި ހަދާފައިވާ ސިޑީބަރީގައި 908 ސަޕޯޓަރުންގެ ޖާގަ އޮވެ އެވެ. އާއްމުކޮށް މެޗުތަކަށް ސަޕޯޓަރުން ވައްދަނީ ޓިކެޓް ވިއްކައިގެން ސިޑިބަރި އަށެވެ. ފައިނަލް މެޗަށް ޓިކެއް ވިއްކަން ހުޅުވާލިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭ އެ ހުރިހާ ޓިކެޓެއް ވިކި ހުސްވި އެވެ.

ޓިކެޓްތައް ވިކި ހުސްވުމާ އެކު ޓިކެޓް ނުލިބުނު ގިނަ ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކުރަމުންނެވެ. ޓިކެޓް ބޭނުންވެގެން ގިނަ ބަޔަކު އެދެމުން ދިއުމާއި އެކު، ކައުންސިލުން މިހާރު ނިންމާފައިވަނީ 10 ރުފިޔާގެ ރޭޓުން ދަނޑުގެ އިރުމަތި ފަރާތަށް ސަޕޯޓަރުން ވައްދާށެވެ.

އެ ރޭޓުން މިއަދު ފައިނަލް މެޗަށް ޓިކެޓް ވިއްކަން ފަށާނީ މެންދުރު ފަހު 2 ޖަހާއިރު ސްޓޭޑިއަމް އިންނެވެ. ޖުމްލަ ވިއްކާނީ 300 ޓިކެޓެވެ. އެއީ ފައިނަލުގައި ވާދަކުރާ ކޮންމެ ޓީމަކަށް 150 ޓިކެޓް ލިބޭ ގޮތަށެވެ.

އެ ނިންމުމާ އެކު ދަނޑުގެ އިރުމަތި ފަރާތުގައި ވެސް މިއަދުގެ މެޗުގައި ސަޕޯޓަރުންނަށް ތިބެވޭނެ އެވެ. ކައުންސިލުން އެގޮތަށް ނިންމީ ފުލުހުންނާއި މަޝްވަރާކޮށް ސަލާމަތީ ކަންކަން ބެލެހެއްޓޭނެ ގޮތަށެވެ. މި ނިންމުމާ އެކު ސިޑިބަރިން ޓިކެޓް ނުލިބުނު ފަރާތްތަކަށް ވެސް ފައިނަލް މެޗު ބެލޭނެ ގޮތް މިވަނީ ފަހިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.