
ފައިނަލުގައި 5-1 އިން އިރުމަތި އެފްސީ ބަލިކޮށް އޭދަފުށި ކަޕްގެ 2024 ގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
މިއީ ވެލާ ސްޕޯޓްސް އިން އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވަދެފަ އެވެ.
ވެލާ ސްޕޯޓްސް އިން ހޯދި ބޮޑު މޮޅުގައި ތަފާތު ދެއްކީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ފާއްޓެ ވަނީ މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.
މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ވެލާ ސްޕޯޓްސް އިން ލީޑު ނެގީ ލިބުނު ޕެނަލްޓީ އަކުންނެވެ. އިރުމަތި އެފްސީ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އަށް އިރުމަތި ޓީމުން އެޕީލް ވެސް ކުރި އެވެ. ޕެނަލްޓީ ފާއްޓެ ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން ފާއްޓެ ދެ ވަނަ ގޯލު ޖެހީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އިރުމަތި އެފްސީ އަށް ގޯލު ކާމިޔާބުކޮށްދިނީ އައްޒާމް އަބްދުﷲ (އެޑޫ) އެވެ. ހާފު މެދުން އެޑޫ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފު ފަށައިގެން އިރުކޮޅެއް ތެރޭ ފާއްޓެ ވަނީ އިތުރު ގޯލެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ކައިރީގައި ހުރި މުހައްމަދު އަޖުފާން ކައިރިން ކަޓުވާލުމަށް ފަހު ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.
ވެލާ ސްޕޯޓްސްގެ ހަތަރު ވަނަ ގޯލު ފާއްޓެ ޖެހީ އަރިމަތިން ސައްޓު ނަގައިދިން ބޯޅައަކުންނެވެ. އެޓީމުގެ ފަހު ލަނޑު ޖެހީ ސައްޓު އެވެ.
މެޗުގެ ފަހުކޮޅު އިރުމަތި އެފްސީގެ އިމްތިސާލް އަބްދުއްރަހްމާން (ޕަބް) ވެލާ ސްޕޯޓްސްގެ ގޯލްކީޕަރަށް ގަސްތުގައި ހަމަލާ ދިނުމުން ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ވެލާ ސްޕޯޓްސް އިން ވަނީ މެޗުގެ ފަހުކޮޅާއި އިތުރު ވަގުތުގައި ވެސް ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.
ވެލާ ވަނީ 2021 އަދި 2023 ވަނަ އަހަރުގެ އޭދަފުށި ކަޕް ފައިނަލުގައި ބަލިވެފަ އެވެ. އެކަމަކު މިފަހަރު ސީދާ ތައްޓަށް އަމާޒު ހިފައިގެން އެޓީމުން ނެރުނީ ވަރުގަދަ ޓީމެކެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.