
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަ ކުރުމުގެ ބޭނުމުގައި “ގޯލްޑް ކަޕް”ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބ. އޭދަފުށިން ބައިވެރިވެއްޖެ އެވެ.
ނައިންޓީ ޕްލަސް އާއި ސްޕޯޓްސް މިނިސްޓްރީން ގުޅިގެން ގޯލްޑް ކަޕް ބާއްވަން މަސައްކަތް ކުރަނީ އަންނަ ނޮވެމްބަރު ފަހުކޮޅުގަ އެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ ގޯލްޑް ކަޕް ގައި 24 ޓީމެއް ވާދަކުރާނެ އެވެ. އެ ގޮތުން، ފަސް ސިޓީ އަށް ދައުވަތުދޭއިރު، ދެން ފުރުސަތު އޮންނާނީ ފުޓްބޯޅައިގެ ކާމިޔާބީ އާއި މުބާރާތް ބޭއްވުމުގެ ނިސްބަތާއި ފުޓްބޯޅައިގެ ފޯރިގަދަ ރަށްތަކަށް ދޭ ގޮތަށެވެ.
މިހާތަނަށް މި މުބާރާތުގައި އޭދަފުށީގެ އިތުރުން. ޅ. ނައިފަރު، ގއ. ދެއްވަދޫ، ފުވައްމުލައް ސިޓީ، ފ. ނިލަންދޫ، ކ. މާފުށި، ހއ. ދިއްދޫ އަދި ގުރައިދޫން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ އިނާމުގެ ގޮތުގައި ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ދޭން ނިންމާފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

