
ބ. އަތޮޅުގެ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއު މިއަދު ފަށައިފި އެވެ.
ބ. ކުޑަރިކިލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢު ރަސްމީކޮށް ފައްޓަވާދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.
މި މަޝްރޫޢުގެ ދަށުން ބ. އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގެ ފުރާޅުގައި އަދި އަތޮޅު ކައުންސިލް އިދާރާގެ ފުރާޅުގައި 15 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ހަރުކުރެވޭނެއެވެ.

މިނިސްޓަރ ތާރިޤް ވިދާޅުވީ މި މަޝްރޫޢަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ބ. އަތޮޅުގެ ރަށްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމުން، މި އަތޮޅުގެ ރަށްރަށުގައި ކަރަންޓު އުފެއްދުމަށް ކުރާ ޚަރަދު ކުޑަވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ.

