
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ފެށި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢަކީ ވަރަށް ތަހުޒީބު މަސައްކަތެއްކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ބ. ކުޑަރިކިލުގައި ބޭއްވުނު އިއާދަކުރަނިވި މި މަޝްރޫޢުގެ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ބ. އަތޮޅުން އިސްނަގައިގެން ފެށި މި މަޝްރޫޢަކީ ރާއްޖޭގެ އެހެން އަތޮޅުތަކަށްވެސް މިކަމާ ދޭތެރޭ ވިސްނައި، 21 ވަނަ ޤަރުނުގައި އަތޮޅުތަކުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ގެންގުޅެންވީ ވިސްނުމާއި ފިކުރުގެ މައްޗަށް ރިޢާޔަތްކުރުމަށް މުހިންމު ކަމެކެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ދިރިއުޅެމުންދާއިރު ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ވިސްނަންޖެހޭނެ ކަމަށާއި، އެކަމަށްޓަކައި އެމީހަކަށް ފަރުދީ ގޮތުން ކުރެވެން އޮތް ކަމެއް ކުރުން މުހިންމުކަމުގައި ވިދާޅުވިއެވެ.
“ތިޔަ ބޭފުޅުންގެ ވިސްނުންފުޅު މިއަދު މިފަދަ މަޝްރޫޢަކަށް މުޅި އަތޮޅަށް މިކަން ޚާއްޞަކުރައްވައިގެން ފައްޓަވާ ކަމީ އެހެން އަތޮޅުތަކުގައިވެސް ފިކުރު ތަހުޒީބުގެ ވިސްނުން އޮތް ކަމުގައި ވިޔަސް، މީގެ ރީތި ނަމާއި ޝަރަފް މުޅި ބ. އަތޮޅަށް ލިބިގެންދާ ވަރަށް ތަހުޒީބު ހަރަކާތެއްގެ ގޮތުގައި އަޅުގަނޑު މި ހަރަކާތް ފާހަގަކުރަނީ” މިނިސްޓަރ ވިދާޅުވިއެވެ.
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ އިޔާދަކުރަނިވި ހަކަތައިގެ މި މަޝްރޫޢުގެ ދަށުން މި މަޝްރޫޢުގެ ދަށުން ބ. އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގެ ފުރާޅުގައި އަދި އަތޮޅު ކައުންސިލް އިދާރާގެ ފުރާޅުގައި 15 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުޑަރިކިލުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބ. އަތޮޅު ކައުންސިލުގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ތިމާވެށްޓާއި، ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ބ. އަތޮޅު ކައުންސިލުގެ ރައީސާއި، ބ. އަތޮޅު ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނާއި، ކައުންސިލުތަކުގެ މެންބަރުންނާއި، ކުޑަރިކިލުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.

