
މި ސަރަހައްދުގެ ގިނަ މީހުން ހިދުމަތް ހޯދާ، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މިއީ މި ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.
އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު ހުސައިން އާސިފް “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން ވިދާޅުވި ގޮތުގައި، މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީ ގެނެސް، އިންސްޓޯލްކޮށް، އިތުރު އާލާތްތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އާސިފް ވިދާޅުވީ މިއީ އުނގޫފާރު އަދި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދެމުންދާ ޚިދުމަތެއް ކަމަށެވެ. ެ. އަދި މިހާރުވެސް ގިނަ ފަރާތްތަކެއް މިކަމަށް އެދި ނަން ނޯޓް ކުރަމުންދާކަމަށް އާސިފް ވިދާޅުވިއެވެ.
” މިއީ ހަގީގަތުގައި ވަރަށް މުހިންމު ޚިދުމަތެއް. އަތޮޅުގެ ފަރާތްތަކުންވެސް ވަރަށް އެދެމުންދާ ކަމެއް. މިއީ ހާސިލްވާނެ މުހިންމު މަސައްކަތެއް. ހޮސްޕިޓަލަށްވެސް ކުރިއެރުން ލިބިގެން ދާނެ” އާސިފް ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމުން، އަތޮޅުތެރެއިން އިމަޖެންސީކޮށް ގެންނަ ފަރާތްތަކުގެ ޙާލަތު އަވަހަށް ދެނެގަނެވި، އަވަސް ފަރުވާ ދެވޭނެ މަގު ފަހިވެގެންދާނެއެވެ.
އާސިފު ވިދާޅުވި ގޮތުގައި އުންމީދަކީ މި ޚިދުމަތް ވީހާވެސް އަވަހަކަށް ފެށި، ރައްޔިތުންނަށް މި މުހިންމު ފަރުވާ ފޯރުކޮށްދިނުމެވެ. މިއީ ހަމައެކަނި އުނގޫފާރު ހޮސްޕިޓަލަށް ލިބޭ ކުރިއެރުމެއް ނޫނެވެ. މުޅި އުތުރުގެ ޞިއްޙީ ޚިދުމަތަށް ލިބިގެންދާނެ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ށ. އަތޮޅުގެ ބައެއް ރަށްރަށާއި ނ، ރ، ބ. އަދި ޅ. އަތޮޅުގެ ރަށްރަށުން ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ހިދުމަތް ހޯދަމުންނެވެ.

