
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީތައް އަޕްގްރޭޑް ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ލެބޯޓްރީތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އަންގާރަދުވަހުގެ މެންދުރު 12:00ގެ ކުރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހޭނެކަމަށެވެ. އަދި އަންނަ ނޮވެމްބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި މަޝްރޫޢަކީ ވޯލްޑް ބޭންކުން ފައިނޭންސްކުރާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ (އޭއީޑީޕީ) ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ނ. މޭނާ ސްކޫލް، ރ. ހުޅުދުއްފާރު ސްކޫލް، އަދި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލެބޯޓަރީތައް ވެސް އަޕްގްރޭޑް ކުރުމަށް ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ.
މިޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓެމް ލެބްތައް ހަދަން ހަމަޖެހިފައިވަނީ ސްކޫލްގައި މިހާރުވެސް ހުރި ލެބްތައް މަރާމާތުކޮށްގެންނެވެ.
މިގޮތުން ހަދަން ހަމަޖެހިފައިވާ ލެބްތައް:
- އޭ/ސީ މެކޭނިކަލް ލެބް – އޭސީ މަސައްކަތްކުރާ ގޮތާއި މަރާމާތު ކުރުމުގެ ޢަމަލީ ތަޖުރިބާ ކުދިންނަށް ހޯދާދިނުން
- ޖެނެރަލް ލެބް – ކެއްކުމާއި، ފެހުމާއި، ލަކުޑީގެ މަސައްކަތާއި، ކްރާފްޓް ވާކް ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުނު
- ސްޓެމް ލެބް – ކްރިޓިކަލް ތިންކިންގ، ކްރިއޭޓިވިޓީ، މައްސަލަ ހައްލުކުރުމުގެ ހުނަރު، އަދި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ގުޅިގެން ޙަޤީޤީ ދުނިޔޭގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރާ ގޮތް ދަސްކޮށްދިނު
- ސައިންސް ލެބް – ސައިންސް ތިއަރީތަކުގެ އަމަލީ ތަޖުރިބާ ހޯދުން، ދަރިވަރުންގެ ޚިޔާލުތައް ޓެސްޓްކުރުން.
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ) ލެބް – ކޮމްޕިއުޓަރާއި ސޮފްޓްވެއާ އަދި ޑިޖިޓަލް ޓެކްނޮލޮޖީއާ ބެހޭ ގޮތުން ދަރިވަރުންނަށް ދަސްކޮށްދިނުން.
މި މަޝްރޫޢުގެ މަޤްޞަދަކީ ސެކަންޑަރީ ގްރޭޑްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޢާންމު ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި ޤައުމީ ފެންވަރުގައި ސްޓްރެޓެޖިކް އިނީޝިއޭޓިވްސް ކުރިއެރުވުމެވެ. މި ޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އަތޮޅު އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ކޮމްޕޯނެންޓެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް، 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމްކުރާނެއެވެ.

