ބީއެމްއެލްގެ ސީއީއޯއަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ބީއެމްއެލްއިން މިއަދު ބުނީ ސީއީއޯގެ މަސްއޫލިއްޔަތުތަކާ ޝަރީފް ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެން ކަމަށާއި މި މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކުރުމަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

މާލީ ދާއިރާގައި 25 އަހަރު ޚިދުމަތްކުރައްވާފައިވާ ޝަރީފަކީ ބީއެމްއެލްގައި ކުރިން މަސައްކަތްކުރެއްވިއިރު މުހިންމު ބަދަލުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް އެ ބޭންކުން ބުންޏެވެ. އޭގެ ތެރޭގައި ކޯ ބޭންކިން ސިސްޓަމާއި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑާއި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އާއި ސެލްފް ސާވިސް ބޭންކިން ތަޢާރަފްކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އިނގިރޭސިވިލާތުން އެމްބީއޭ ހާސިލްކުރައްވާފައިވާ ޝަރީފް ބީއެމްއެލްގައި ޚިދުމަތްކުރެއްވުމަށްފަހު، އޭނާ ވަކިވެވަޑައިގަތީ 2020 ގައެވެ. އޭގެފަހުން މިހާތަނަށް މަސައްކަތްކުރެއްވީ ޕްރައިވެޓް ސެކްޓަރގައި އެގްޒެކެޓިވް މަގާމުތަކާއި ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް މި އައްޔަންކުރީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކާ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސައުތު އެފްރިކާއަށް ނިސްބަތްވާ ކާލް ސްޓުމްކާ ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ގައެވެ. އެއީ ބޭންކިން ދާއިރާގެ 35 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.