
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ދަށުން އޭދަފުށީގެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށްފި އެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ދަށުން މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި އޭދަފުށީގެ 150 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ޢާއިލާތަކުގެ އާންމު ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
“ހާލު ކިހިނެއް؟” ޕްރޮގްރާމަކީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށްޓަކައި މިއަހަރުގެ މެއި މަހު ފެށި ޕްރޮގްރާމެކެވެ.

މިނިސްޓްރީން ބުނީ “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތައް ޙައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ އެކީ މިނިސްޓްރީން ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިނިސްޓްރީން ވަނީ މި ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރު 1433 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދޭން ވެސް އެދިފަ އެވެ.

