
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރެއްވުމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓާއެކު ހުށަހެޅޭ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި، އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. މިއާއެކު އެމަނިކުފާނުގެ މުސާރަ 100,000 ރުފިޔާއިން 50,000 ރުފިޔާއަށް ތިރިވެގެންދާނެއެވެ.
އިތުރު ފިޔަވަޅުތަކުގެ ތެރޭގައި:
- ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރެއްވުން
- ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ އެންމެ މަތީ މުސާރަ 90,000 ރުފިޔާއަށް ހަނިކުރެއްވުން
- މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ހުށަހެޅުއްވުން
ނަމަވެސް 12,000 ރުފިޔާއަށްވުރެ ދަށުން މުސާރައާއި ޢިނާޔަތް ލިބިވަޑައިގަންނަވާ މުވައްޒަފުން މި ބަދަލުތަކުން އިސްތިސްނާވާނެކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. މި ނިންމެވުންތަކަކީ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އެޅުއްވޭ ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ސިޔާސީ 228 މަޤާމު އުވައިލެއްވުމަށް ނިންމެވި ނިންމެވުމާއެކު، މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެކަމަށް ވެސް ރައީސް ބިދާޅުވެފައިވެ އެވެ.

