
ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހިންގެ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރަން ދީފައިވާ ލިމިޓް 1,200 ޑޮލަރަށް އިތުރުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ވަނީ ނިންމައިފައެވެ.
ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ބަދަލު އަންނަ ނޮވެމްބަރު 1 އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މިހާރު ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހިންގެ ޑެބިޓް ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރަން ދީފައިވާ ލިމިޓަކީ 750 ޑޮލަރެވެ.
ބޭންކުން ބުނެފައިވާ ގޮތުގައި ބޮޑުކުރާ ކާޑް ލިމިޓް ދޭނީ އެކަމަށް އެދޭ ދަރިވަރުންނަށެވެ. އެގޮތުން ދަރިވަރުން ޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްފަހު ބޭރުގައި ކިޔަވާކަމުގެ ރަސްމީ ލިޔުންތައް ހުށަހަޅަމެވެ.
ބީއެމްއެލްގެ އާ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ ބޭންކަށް ޑޮލަރުގެ ދަތިކަން އަދިވެސް އޮތް ނަމަވެސް ދަރިވަރުންގެ ކާޑް ލިމިޓް ބޮޑުކުރަން ނިންމީ ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ބީއެމްއެލްއިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ އެ ބޭންކުގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ހުރިހާ ކާޑުތަކަށް ދީފައިވާ ބޭރު ލިމިޓް އެކީ އުވާލުމަށްފަހު އެމްއެމްއޭގެ އެންގުމަށް އެ ނިންމުން ބާތިލްކޮށްފައެވެ. އަދި އޭގެ ފަހުން އެމްއެމްއޭން ވަނީ ބޭންކުތަކަށް ލިބޭ ޑޮލަރު އިތުރުކުރުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފައެވެ.

