
ބ. ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ފާހަގަކުރުމަށް ނިންމައި، ‘ދަރަވަންދޫއަށް ޒިޔާރާތްކުރުމުގެ އަހަރު 2025’ ރޭ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ދަރަވަންދޫ ބީޗް ސަރަހައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޝަރަފުވެރިކޮށްދެއްވީ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާންއެވެ. މި ހަފުލާގައި ރަށުގެ ސަގާފީ އެކި ހަރަކާތްތަކާއެކު، ޗަނބޭލީ ބޮޑުބެރު ގްރޫޕުން ބޮޑުބެރު ހުށަހެޅުމާއި ތަމްސީލުތައް ވެސް ދައްކާލިއެވެ.
ދަރަވަންދޫގެ ތަރައްގީގެ ޕްލޭން 2022-2026 ގައި ރަށްފުށު ފަތުރުވެރިކަން ކުރިއެރުވުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި ނައިޓްލައިފް ސެންޓަރެއް، ގެސްޓް ބީޗެއް، ޑައިވް ޖެޓީއެއް، ސަންސެޓް ޑެކް އަދި އައުޓްޑޯ ކުޅިވަރު ކޯޓުތައް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނަކާއި ވޯޓަރ ސްޕޯޓްސް ޒޯނެއް ކަނޑައަޅައި، ރަށަކީ ބަގީޗާ ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށްވެސް ވަނީ ރޭވިފައެވެ.
އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ޒަމާނީ ފެންވަރުގެ މަންތާ ސެންޓަރަކާއި، ސަގާފީ މަރުކަޒެއް އެޅުމުގެ އިތުރުން އިޖުތިމާއީ އެކިއެކި ޕްރޮގްރާމްތަކާއި މޫދާއި ބީޗު ސަރަހައްދުގައި ފެސްޓިވަލްތަކާއި މުބާރާތްތައް ބޭއްވުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ލޯގޯ އާއި ތީމް ލަވަ ވެސް އިފްތިތާހުކުރިއެވެ. އަދި ޒިޔާރަތްކުރުމުގެ އަހަރުގެ އެމްބެސެޑަރެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އަހްމަދު ސާލިމް ވަނީ ހަމަޖައްސާފައެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ މިއީ ކައުންސިލުގެ ތަސައްވުރަކާއެކު ކުރިއަށްގެންދާ ކަމެއް ކަމަށާއި، މިކަމަށް ރައްޔިތުންގެ އާނބަސް ލިބިފައިވާ ކަމަށެވެ.
“އަޅުގަނޑުގެ ހަޔާތުގައި އަދި މިފަދަ މަންޒަރެއް ނުދެކެން އަދި ދަރަވަންދޫއަކުން. އަޅުގަނޑުމެންގެ މި ދަރަވަންދޫއަކީ ވަރަށް އެކުވެރި، އެއްބަނޑުއެއްބަފާ ރައްޔިތަކު ދިރިއުޅުނު ތަނެއް. އެކަން މި ހަފުލާއިން ވެސް އެނގޭ” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ވިޒިޓް ދަރަވަންދޫ 2025” އަކީ އަތޮޅެއްގެ ރަށެއް މި ފެންވަރުގައި ޕްރޮމޯޓްކުރުމަށް ކުރެވޭ ފުރަތަމަ މަސައްކަތެވެ.

