
ރަށްރަށުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ރެއިޑް އޮޕަރޭޝަން’ގެ ނަމުގައި މި އޮޕަރޭޝަން އެންމެ ފުރަތަމަ ފެށީ ކ. ގުރައިދޫގައެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 42 ތަނެއް ބަލައި، 100 އަށް ވުރެ ގިނަ ބިދޭސީން ޗެކުކޮށްފައިވެއެވެ. މިގޮތުން 39 މީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެ އިތުރުން ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، ވަޒީފާ ދިން ފަސް ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވެފައިވެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދާނެއެވެ.
މާލެތެރޭގައި އޮޕަރޭޝަން ހިންގަން ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީން އަތޮޅުތެރެއަށް ދިޔަކަމުގެ ޝަކުވާ ލިބިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

