
އުރީދޫ މޯލްޑިވްސްއިން މިއަދު ހާމަކުރި ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހު ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ “ދޯހާ މެރަތަން” ގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
މި ފުރުސަތުގައި ބައިވެރިވެވޭނީ އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ ފަރާތްތަކަށެވެ. އަދި ދޯހާ މެރަތަން ނުވަތަ ހާފް މެރަތަން ދުވުމުގެ ސިއްހީ ގާބިލުކަން ހުރުމާއެކު، މީގެ ކުރިން އެފަދަ މެރަތަނެއްގައި ބައިވެރިވެފައިވާ ފަރާތަކަށް ވާންޖެހެއެވެ.
އުރީދޫއިން ބުނާ ގޮތުގައި މި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 10 ވަނަ ދުވަހުގެ މެންދަމާ ހަމައަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. ގުރުއަތުން ހޮވޭ ދެ ފަރާތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ނަމަވެސް މި ފުރުސަތުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ގަތަރަށް އެތެރެވުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުމަކީ މުހިއްމު ކަމެއް ކަމުގައި އުރީދޫއިން ފާހަގަކޮށްފައިވެއެވެ.
މި ދުވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ އެތްލީޓުން ބައިވެރިވާ މެރަތަނެއް ކަމަށްވާއިރު، މި ފުރުސަތުގައި ދިވެހިން ބައިވެރިކުރުމަށް އުރީދޫއިން މަސައްކަތްކުރަމުންދަނީ ދިވެހި އެތްލީޓުންނަށް ބައިނަލްއަގުވާމީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައެވެ.

