
ބ. އަތޮޅުގެ ކެންދޫ އަދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާން ކޮށްފި އެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއި، ގާނޫނީ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެ އެވެ.
މެޖިސްޓްރޭޓުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 26،350 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 12،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެ އެވެ. އަދި ފޯނު އެލަވަންސާއި މެޑިކަލް އެލަވަންސްވެސް ދޭނެ ކަމަށް ޖޭއެސްސީން ބުނެ އެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖޭއެސްސީގެ “ފަހިރެސް” ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.

