
ބ. އޭދަފުށީގެ ބަނދަރު ސަރަހައްދުތަކުގައި ސީސީޓީވީ ހަރުކޮށް މޮނިޓާކުރަން ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނިގޮތުގައި މިއީ އޭދަފުށީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ބައެކެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކެމެރާ ސިސްޓަމް ފުރަތަމަ ހަރުކުރާނީ ބަނދަރު ސަރަހައްދުގަ އެވެ. ކައުންސިލުން މި މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން މި މަސައްކަތް ކުރާނީ ފުލުހުންނެވެ.
އެގޮތުން ބަނދަރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަނދަރު ސަރަހައްދުގައި ހަރުކުރުމަށް 2 ސީސީޓީވީ ކެމެރާ މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އޭދަފުށީ ކައުންސިލުން ބުނީ، ބަނދަރު ސަރަހައްދުގައި ކެމެރާ ސިސްޓަމް ހަރުކޮށް ނިމުމުން އެ ސަހައްދު މޮނިޓާ ކުރަމުންގެންދާނީ ފުލުހުން ކަމަށެވެ.
ކައުންސިލުން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އަލަށް ހަދަމުންދާ ބަނދަރު ނިމޭއިރު އެ ސަރަހައްދުގައި ވެސް ކެމެރާ ސިސްޓަމް ހަރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރަށުގެ ބޮޑެތި މަގުތަކުގައިވެސް ކެމެރާ ސިސްޓަމް ހަރުކޮށް މޮނިޓާކުރަން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

