
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ސައިބަރ އެވެއާނަސް މަސް ކަމުގައިވާ އޮކްޓޯބަރު މަސް ފާހަގަކުރުމަށް، ބ. އަތޮޅު ފުލުހުންގެ މަރުކަޒުން ސައިބަރ ސެކިއުރިޓީއާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ހަރަކާތްތަކެއް ހިންގައިފި އެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ސެކިއުރިޓީ ސެންޓަރާ ގުޅިގެންނެވެ. އެގޮތުން މިއަތޮޅުގެ ތިން ސްކޫލެއްގައި ކުރިއަށްގެންދެވުނު މި ހަރަކާތްތަކުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސައިބަރ ސަލާމަތްތެރިކަމުގެ މުހިންމު ބައިތަކުގެ މައްޗަށްކަމަށް ފުލުހުން ބުންޏެވެ.

ސްކޫލްތަކުގައި ދެވުނު މަޢުލޫމާތުގެ ތެރޭގައި ރައްކާތެރި ޕާސްވޯޑް ބޭނުންކުރާނެ ގޮތާއި، ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އެކްޓިވްކުރުމުގެ މުހިންމުކަން، އަދި އޯޓީޕީއަށް ރައްކާތެރިވުމުގެ މުހިންމުކަން ހިމެނެއެވެ.
މީގެއިތުރުން، ފޭސްބުކް އަދި ވައިބަރ ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ހެކްކޮށްގެން ސްކޭމްކުރާ ފަރާތްތަކުގެ ކިބައިން ސަމާލުވުމަށާއި، ފިޝިންގ ލިންކްތައް ފަދަ ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުމަށް ދަރިވަރުންނަށް އިރުޝާދު ދީފައިވެ އެވެ.

