ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 492 މިލިއަން ރުފިޔާގެ ފައިދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ 3 ވަނަ ކުއާޓަރގައި 492 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ހޯދައިފިއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 9.6 އިންސައްތަ އިތުރު އަދަދެކެވެ.

އިއްޔެ އާންމުކުރި ކުއާޓަރ ރިޕޯޓުގައިވާ ގޮތުން، ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2 ވަނަ ކުއާޓަރާ އަޅާބަލާއިރު 2.9 އިންސައްތަ އިތުރު އަދަދެކެވެ.

ރިޕޯޓުގައިވާ ގޮތުން، ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމުލަ އެސެޓް 44.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ހުރީ ގަވާއިދުން ލާޒިމުކުރާ މިންވަރަށް ވުރެ މަތީގައި ކަމަށްވާ 54 އިންސައްތައިގައެވެ.

ލޯނު ޕޯޓްފޯލިއޯ ހަރުދަނާވަމުން އަންނަކަމަށް ބޭންކުން ފާހަގަކޮށްފައިވާއިރު، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެއެވެ.

މުޖުތަމައުގެ ކުރިއެރުމަށް ބޭންކުން ވަނީ އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫއުއަށް އިންވެސްޓްކޮށް، އަދި އެއް މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައް އިއުލާނުކޮށްފައެވެ. މި ފަންޑުން ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގީއާ ގުޅޭ ފަސް މަޝްރޫއުއަކަށް އެހީދޭނެއެވެ.

ކުއާޓާ ރިޕޯޓު ނެރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މިދިޔަ ކުއާޓާގައި ލިބުނު މާލީ ކުރިއެރުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގި މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުމުގެ މުސްތަގުބަލް އާރާސްތުކުރަން ބޭންކުން ކުރާ މަސައްކަތާ މެދު ވެސް ހިތްހަމަޖެހުން ފާޅުކުރެއްވި އެވެ.

“މިދިޔަ ކުއާޓަރގެ މާލީ ކުރިއެރުމާމެދު ހިތްހަމަޖެހޭ. އަދި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އެބައޮތް،” ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލްއިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސާވިސް ބޭންކިން ސެންޓަރު، 144 އޭޓީއެމް، ކޭޝް އޭޖެންޓުން މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ. އަދި އޮންލައިންކޮށް ވެސް ބެންކުގެ ހިދުމަތްތައް ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.