މޯލްޑިވްސް އިސްލާމިކް ބޭންކުން ރޭ ހުޅުމާލޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ބޭންކިންގ ދާއިރާއަށް އާ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދިވެހިން އުފައްދާފައިވާ އެޑްވާންސް މޮބައިލް އެޕަކާއި، ކުޑަކުދިންގެ މާލީ މުސްތަގުބަލަށް އަމާޒުކޮށްފައިވާ އެކައުންޓު ޚިދުމަތްތަކާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފުކުރި ޕޭމަންޓް އަނގޮއްޔެވެ.
ދިވެހި ޓެކްނޮލޮޖީ ވަރުގަދަކަން ސާބިތުކޮށްދެމުން އެމްއައިބީން ތަޢާރަފުކުރި އާ މޮބައިލް އެޕަކީ މިހާރުގެ ފައިސާ މޮބައިލް އެޕް އިތުރަށް ފުރިހަމަކޮށް، ޒަމާނީ ފީޗަރތަކާއެކު އަލުން ފަރުމާކޮށްފައިވާ އެޕެކެވެ. މި އެޕްގައި މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮގިންވުމުގެ އިތުރުން، އަމިއްލަ އެކައުންޓުތަކާއި، ވިޔަފާރި އެކައުންޓުތަކާއި، ކުޑަކުދިންގެ އެކައުންޓުތައް ވެސް ބެލެހެއްޓޭނެއެވެ.
ކުޑަކުދިންގެ މާލީ ތަރައްޤީއަށް އަމާޒުކޮށް “ބިންގާ” ގެ ނަމުގައި ތިން ބާވަތެއްގެ އެކައުންޓު ވަނީ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ހަތް އަހަރުން މަތީ ކުދިންނަށް ހާއްސަކޮށްފައިވާ އާންމު ޚަރަދުތަކުގެ އެކައުންޓާއި، ކުރު މުއްދަތުގެ ލަނޑުދަނޑިތަކަށް ރައްކާކުރެވޭ ސޭވިންގްސް އެކައުންޓާއި، މަތީ ތަޢުލީމު ފަދަ ދިގު މުއްދަތުގެ އަމާޒުތަކަށް ފައިސާ ރައްކާކުރެވޭ އިންވެސްޓްމަންޓް އެކައުންޓެވެ. މި އެކައުންޓުތަކަށް ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށާއި ރައްކާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ ވައުޗަރުތަކާއި ހަދިޔާތައް ދޭނެ ކަމަށް އެމްއައިބީން ބުނެއެވެ.
އެމްއައިބީގެ އެންމެ އިންގިލާބީ އުފެއްދުމަކީ “ފައިސާ ވެއާ” ގެ ނަމުގައި ތަޢާރަފުކުރި ޕޭމަންޓް އަނގޮއްޓެވެ. މިއީ ރާއްޖޭގައި މިފަދަ ފުރަތަމަ އުފެއްދުމެވެ. ފެނާއި ދަލަށް ވެސް ގެއްލުން ނުވާގޮތަށް ފަރުމާކޮށްފައިވާ މި އަނގޮށި އެކި ސްޓައިލްތަކަށް އަދި ފެޝަނަށް ވެސް ފެތޭގޮތަށް ޑިޒައިންކޮށްފައިވާއިރު، މިއަދު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފެންވަރުގެ ޓެކްނޮލޮޖީ މި އަނގޮށީގައި ހިމެނެއެވެ. މި އަނގޮށި ބޭނުންކޮށްގެން ކާޑު މެޝިނަށް ޓެޕްކޮށްލައިގެން ފަސޭހައިން ޕޭމަންޓް ހެދޭނެއެވެ.
އެމްއައިބީގެ މި އާ ޚިދުމަތްތައް ތަޢާރަފުކުރުމުގެ ޚާއްސަ ރަސްމިއްޔާތު ނިމިގެން ދިޔައީ ރީތި ލައިޓިންގ ޝޯއަކާއި ކުލަގަދަ ހަވާގެ މަންޒަރުތަކަކާ އެކުގައެވެ.