ނަތީޖާ ދަށް ދަރިވަރުން ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް މަޖުބޫރުކުރަނީ

ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިން އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އުމުރުން 16 އަހަރުވެފައިވާ އޯލެވެލް ނިންމާ ކުދިން އަސްކަރީ ތަމްރީން ހެދުމަށް މަޖުބޫރުކުރުވުމަށްޓަކައި ”ނެޝަނަލް ސާވިސް ޕްރޮގްރާމް“ގެ ނަމުގައި ގައުމީ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން، އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔެވުމުގެ ފުރުޞަތު ނުލިބޭ އަދި ވަޒީފާއެއް ނުލިބޭ 16 އަހަރުން މަތީގެ ޒުވާނުން ސިފައިންގެ ނުވަތަ ފުލުހުންގެ ޚިދުމަތަށް ވަނުން މަޖުބޫރުވާނެއެވެ. މި ޕްރޮގްރާމް ހިންގުމަށްޓަކައި ޚާއްޞަ ޤާނޫނެއް އެކުލަވާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1,000 މީހުންނާއި، ފުލުހުންގެ ޚިދުމަތަށް އިތުރު 1,000 މީހުން ބޭނުންވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ކޮންމެ އަހަރަކު 2,000 އިން 3,000 އަށް ވުރެ ގިނަ ދަރިވަރުން އޯލެވެލްއިން އޭލެވެލްއަށް ދިއުމުގެ ފުރުޞަތު ގެއްލޭ ކަމަށާއި، 500 އިން 1,000 އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލް ނިންމުމަށްފަހު ޑިގްރީއަށް ދެވޭ ވަރަށް ނުހޯދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމަށް 400 މިލިއަން ރުފިޔާ އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުން ޒުވާނުންނަށް ރަނގަޅު ތަމްރީނާއި ތަރުބިއްޔަތު ލިބި، އެ ޒުވާނުންނަށާއި އެ ޒުވާނުންގެ ޢާއިލާތަކަށް ކުރިއެރުން ލިބިގެންދާނެއެވެ. އަދި މުޖުތަމަޢުގައި ޑްރަގުގެ ވަބާއިން ސަލާމަތްވެ، އިޤްތިޞާދީ ގޮތުން ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.