5% އިންޓަރެސްޓުގައި ގެ ހަދަން ލުއި ލޯނު ލިބޭ ހިޔާވަހި ސްކީމް ފަށައިފި

ގެދޮރު އިމާރާތް ކުރަން ކުޑަ އިންޓަރެސްޓެއްގައި ލުއި ލޯން ދޫކުރާ ޕްރޮގްރާމެއް ސަރުކާރުން މިއަދު އިފްތިތާހުކޮށްފި އެވެ. 

ހައުސިން މިނިސްޓްރީން މިއަދު އިފްތިތާހުކުރި ހިޔާވެހި ފައިނޭންސިން ސްކީމް ލޯންޗްކޮށް ދެއްވުމަށްފަހު ރައީސް ވިދާޅުވީ ގޯތި ލިބި، އިމާރާތް ކުރެވޭނެ ގޮތެއް ނެތް މީހުންނަށް އެ ސްކީމްގެ ދަށުން ގެ އަޅާ ނިންމޭނެ ކަމަށެވެ. އަދި ގެ އަޅަން ފެށުމަށްފަހު އެ މަސައްކަތް ނުނިންމި ތިބި ފަރާތްތަކަށް ވެސް މަސައްކަތް ނިންމަން އެ ސްކީމްގެ ދަށުން ފުރުސަތު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން ރައީސް އިފްތިތާހުކުރެއްވި ހިޔާވެހި ފައިނޭންސް ސްކީމުން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށް ގިނަ އާއިލާތަކަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެތެރެއަށް ހާއްސަ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް އެޗްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ އިރު، މި ލޯނުގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. މާލެއަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެ ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ލޯނު ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތަކުގެ ތަފްސީލް މި ހަފުތާ ނިމުމުގެ ކުރިން ގެޒެޓު ކުރާނެ ކަމަށެވެ.

މި ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަ ކޮށްފައެވެ.

އެއާއެކު އުންމީދަކީ މި ސްކީމްގެ ދަށުން ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަން ލިބި ދިރިއުޅުން ތަނަވަސްވުމުގެ ފުރުސަތު ލިބުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްކީމަށް އެޕްލައިކުރަންޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.