
ޤައުމީ ތަރައްޤީގެ ޕްލޭނަށް ކޮންމެ ރަށަކުންވެސް ބަސް ބުނުން މުހިއްމުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ޤައުމީ ތަރައްޤީގެ ޕްލޭން” އިފްތިތާޙުކޮށް، މަޝްވަރާ ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރެއްގައި ޤައުމުގެ ތަރައްޤީގެ ކަންކަމަށް އަބަދު ބަދަލު އަންނަ ކަމަށްވާނަމަ އޭގެ ފައިދާ ރައްޔިތުންނަށް ނުލިބޭނެކަމަށެވެ. އަދި މި ސައްކަތަކީ ޤާނޫނީ ބާރުވެރިކަން ލިބިގެން ކުރެވޭ މަސައްކަތަކަށް ހައްދަވައި، ޤާނޫނުއަސާސީގެ ތެރެއިންވެސް ބަލައިގަންނަ މަސައްކަތަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ މި ޕްލޭންގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނަން. ސިޔާސީ ވިސްނުން ދޫކޮށްލާފައި މިއީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ ސިޔާސީ ޕާޓީތައްވެސް މީގައި ބައިވެރިވާން ޖެހޭ. މިއީ ޖީލެއް ބިނާކުރުމުގެ މަސައްކަތް” ރައީސް ވިދާޅުވިއެވެ.
މި ޕްލޭން އެކުލަވާލާއިރު ދުނިޔެއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، އޭއައި ބޭނުންކުރެވިގެން އެކުލެވޭ ޕްލޭނަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށާއި، ޤައުމުގެ ތަރައްޤީގައި ފަންނިއްޔާތު ހިމަނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގައި ތަންފީޛުކުރަން ފެށުމަށް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްލޭނާއެކު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ދުރު ރާސްތާގެ ފިޔަވަޅުތަކެއް އެޅޭނެއެވެ.

