
ބ. އޭދަފުށީގެ ބަނދަރު ސަރަހައްދުގައި ދިވެހިންގެ އިހުގެ ދިރިއުޅުމުގެ މަންޒަރު ދައްކުވައިދޭ ޚާއްޞަ މައިޒާނެއް ހަދައިފި އެވެ.
މި މައިޒާނަކީ މިރޭ އޭދަފުށީގައި ފަށާ އޭޝިއާ ސަރަހައްދުގެ ކައުންސިލަރުންގެ 8 ވަނަ އަހަރީ ބައްދަލުވުމަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވޭ ތަނެކެވެ.

މި މައިޒާނުގައި އިހުގެ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ގިނަ ތަކެތި ހިމެނެއެވެ. ދަނޑިފަނުން ހަދާފައިވާގިފިއްޔާއި، އިހުގެ ބަދިގެ، ރޯނުން ގަތާފައިވާ ޖޯލިފަދަ ތަކެތި މި މައިޒާނުގައި ބެހެއްޓިފައިވާ މަންޒަރު ފެނުމުން، ކުރީގެ ދިވެހިންގެ ދިރިއުޅުން ހިތަށް ގެނުވައިދެއެވެ.

“މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ދިރިއުޅުން ދައްކުވައިދޭ މުހިންމު މައިޒާނެއް. މި ތަނުން އިހުގެ ދިވެހިންގެ ދިރިއުޅުމުގެ މަންޒަރު ވަރަށް ރީތިކޮށް ފެންނާނެ.” އަތޮޅު ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނޮވެމްބަރު 7 އިން 9 އަށް އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ފިލިޕީންސް، ޖަޕާން، ތައިވާން، ދެކުނު ކޮރެއާ އަދި ދިވެހިރާއްޖޭގެ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ބޭފުޅުންނަށް ދިވެހިންގެ އާދަކާދައާއި ސަގާފަތް ދައްކުވައިދިނުމަށް މި މައިޒާން ވަނީ ޚާއްޞަކުރެވިފައެވެ.

މި ބައްދަލުވުން ނިމުމަށްފަހު އާންމު ރައްޔިތުންނަށްވެސް މި މައިޒާން ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބ. އަތޮޅު ކައުންސިލުން ބުންޏެވެ.

ދިވެހިންގެ މާޒީގެ ދިރިއުޅުމުގެ މަންޒަރު ދައްކުވައިދޭ މި މައިޒާނަކީ، މުސްތަޤުބަލުގެ ޖީލުތަކަށް އަޅުގަނޑުމެންގެ ކާބަފައިންގެ ދިރިއުޅުމާއި ސަގާފަތް ދަސްކޮށްދިނުމަށް ލިބޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަން ކަށަވަރެވެ.
