
ސަރުކާރުން އާބަން ސެންޓަރުތައް ގާއިމުކުރުމަށް 7 ރަށެއް ކަނޑައަޅައި އިއުލާންކޮށްފި އެވެ.
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިކަން އިއުލާންކޮށްފައިވާއިރު، މި ރަށްތަކަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އެވެ.
އާބަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި މަޝްރޫއުގެ މަގުސަދަކީ މާލެއަށް ބަރޯސާނުވެ، އަތޮޅުތަކުން ޒަމާނީ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން، ރާއްޖެ ދެ ތަރައްގީގެ ޒޯނަކަށް ބަހާލެވިފައިވެއެވެ. އުތުރުގެ ތަރައްގީގެ ޒޯނުގައި ހިމެނެނީ ހއ، ހދ، އަދި ށ އަތޮޅު ކަމަށްވާއިރު، މީގެ މައި ހަބަކީ ހދ. ކުޅުދުއްފުށްޓެވެ. އަދި ދެކުނުގެ ތަރައްގީގެ ޒޯނުގައި ހިމެނެނީ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ކަމަށްވާއިރު، މީގެ މައި ހަބަކީ އައްޑޫ ސިޓީއެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުން ވަނީ އަރބަން ޑިވެލޮޕްމަންޓްގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އާބަން ސެންޓަރުތަކުގައި ޞިއްޙީ ޚިދުމަތްތަކާއި އެކި ކަހަލަ ތެރަޕީގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ. އަދި ތައުލީމީ ނިޒާމުވެސް މަތީ ފެންވަރެއްގައި ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، މަގުތައްވެސް ރަނގަޅު ފެންވަރެއްގައި ހެދުމަށް ރޭވިފައިވާކަމަށް ރައީސް ކުރިން ވަނީ ވިދާޅުވެފަ އެވެ.

