އޭޝިޔާ ކައުންސިލަރުންގެ ފޯރަމް – ސަރުކާރުގެ ބައިވެރިވުމެއް ނެތުމުން ކަންބޮޑުވުން

ބ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އޭޝިއާ ސަރަހައްދުގެ ކައުންސިލަރުންގެ ފޯރަމްގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެ، ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިއްޔެ އޭދަފުށީގައި ބޭއްވި މި ފޯރަމަކީ ބޭރުގެ އެކި ގައުމުތަކުގެ ކައުންސިލްތަކާއި ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލަރުން ބައިވެރިވި މުހިންމު ބައްދަލުވުމެކެވެ.

ފޯރަމް ނިންމާލުމަށްފަހު ހަފްސީ.ކޮމް އަށް ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު ވިދާޅުވީ، ފޯރަމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކައުންސިލްތަކާއެކު ގުޅުން ބަދަހިކުރުން ކަމަށެވެ.

“މި ފޯރަމްގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އަދި ރާއްޖޭގެ ކައުންސިލްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބި، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ،” އަފްރާހު ވިދާޅުވިއެވެ.

ނަމަވެސް މި ފޯރަމުގައި ބައިވެރިވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދައުވަތު ދެވުނު ނަމަވެސް، އެއްވެސް ފަރާތަކުން ބައިވެރިވެވަޑައިނުގަތުމާމެދު އަފްރާހު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ލާމަރުކަޒީ ނިޒާމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

“މިކަމުގެ މައިސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނުލިބުނީތީ އަޅުގަނޑު ހަމަ އެކަމާ ވަރަށްބޮޑަށް ހިތާމަކުރަން. ނިމިގެން މިދިޔައީ ދިވެހިރާއްޖޭގެ ކައުންސިލަކުން ބާއްވާނެ, ކައުންސިލްތަކުގެ ވަރަށް މުހިއްމު ފޯރަމް އެއް. މިފޯރަމްގައި ސަރުކާރުގެ ބައިވެރިވުމެއް ނެތީތީވެ އަޅުގަނޑަށް ހަމަ ގަބޫލުކުރެވެނީ ލާމަރުކަޒީ ނިޒާމަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް،” އަފްރާހު ވިދާޅުވި އެވެ.

ފޯރަމްގައި ބައިވެރިވި ކައުންސިލަރުން ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާތައް ހިއްސާކޮށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އޭގެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރިއެވެ. އަދި ކައުންސިލްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރެވުނެވެ.

މި ފޯރަމުގައި ޖަޕާން, ތައިވާން އަފި ފިލިޕީންސް 15 ކައުންސިލަރުންނާއި 7  އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސުންނާއެކު ސަތޭކައަށްވުރެ ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފޯރަމް ނިންމާލުމުގެ ކުރިން ރާއްޖޭގެ ކައުންސިލަރުންގެ ޖަމްއިއްޔާއިން ވަނީ އޭޝިޔާގެ ކައުންސިލަރުންގެ ޖަމްއިއްޔާގެ މެންބަރަކަށްވެ، އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.