
މި ސަރުކާރުން ރާއްޖޭގެ 7 ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރާ އިރު، އެއިން ކޮންމެ ތަނެއްގައި މަދުވެގެން 10،000 މީހުންގެ އާބާދީއެއް އުޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އާބަން ސެންޓަރުތައް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެއްފަސްކުރުން ކަމަށާއި އާބާދީއާ އެއްފަސްކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ހިންގައިގެން ނޫނީ ތަރައްގީ ނުވާނެ ކަމަށެވެ.
“މައި ރަށުގައި މީހުން އާބާދުވެއްޖެ ނަމަ ހިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ކުދި ރަށްރަށުގެ ރައްޔިތުން މިފަދަ ރަށްތަކަށް ބަދަލުކުރުން،” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ރަށްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގެ ރައްޔިތުންނަށް ސަލާމަތުން ދިރިއުޅެވޭނީ ތިމާވެއްޓާ ރައްޓެހި ރަށްތައް ތަރައްގީކޮށްގެން ކަމަށެވެ.
ސަރުކާރުން އާބަން
އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅާފައި ވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދު އެވެ.
މި ސެންޓަރުތަކުގައި މަތީ ތައުލީމާއި، ސިއްހީ އަދި ވިޔަފާރީގެ ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ރަށްތައް ހޮވުމުގައި، މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި، ސިއްހީ އަދި ތައުލީމީ ހިދުމަތްތަކުގެ ފެންވަރު، އަދި ރަށް ތަރައްގީކުރެވޭނެ މިންވަރަށް ބެލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުތުރުގެ ތިން އަތޮޅު (ހއ، ހދ، ށ، ނ) އަދި ދެކުނުގެ ހަތަރު އަތޮޅު (ގއ، ގދ، ފުވައްމުލައް، އައްޑޫ) ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްގީކުރުމަށް ނިންމަވާފައެވެ.
އުތުރާއި ދެކުނުގައި އާބަން ސެންޓަރު ނުހިމެނޭކަމުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދު ހާސިލުކުރަން މަސައްކަތް ކުރާ ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

