
ބ. އޭދަފުށީގައި 1000 ފްލެޓް އެޅުމުގެ މަޝްރޫޢު ޗައިނާގެ ސީނޯ ހައިޑްރޯ ކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން 15 ބުރީގެ 12 ޓަވަރެއްގައި ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތިން ކޮޓަރީގެ 336 ފްލެޓް އަދި ދެ ކޮޓަރީގެ 672 ފްލެޓް ހިމެނެއެވެ.
އެ މަޝްރޫއު ޗައިނާގެ ސީނޯ ހައިޑްރޯ ކުންފުންޏާ ހަވާޅުކު ރީމީގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، އޭދަފުށީގައި މި މަޝްރޫޢު ހިންގުމަށް ނިންމާފައިވަނީ އެ ރަށަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކަށް ވެފައި، ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައެވެ. އަދި މިއީ ބ. އަތޮޅުން އާބާދީ އާއި ތަރައްގީ އެއް ފަސްކުރުމުގެ ނާރެހެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

“އޭދަފުށީ ވަށައިގެން ވަރަށް ގިނަ ރިސޯޓުތައް އެބަ އޮތް. ވަރަށް ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުން ގެންދޭ. އޭދަފުއްޓަކީ މަތީ ތައުލީމުގެ ވަރަށް ރަނގަޅަށް އިންސްޓިޓިއުޝަންތަކެއް ގާއިމުވެފައި އޮތް ރަށެއް. ސިއްހީ ހިދުމަތް އެކަށީގެންވާ ވަރަށް ދެމުންދާ ރަށެއް. އޭދަފުއްޓަކީ ކަނޑުމަގުންނާއި ވައިގެ މަގުން މާލެއަށް ދަތުރުކުރުމަށް ފަސޭހަކަން ލިބިގެންވާ ރަށެއް،” މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު މި މަޝްރޫޢުއަށް ފައިނޭންސް ހަމަޖެހި، މަސައްކަތް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން، މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
