އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް އަންނަ އަހަރު ހުރިހާ އަތޮޅަކުން ލިބޭނެ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެ ހިދުމަތްތައް އަތޮޅު ތެރޭގައި ފެށުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ވަނީ ގްރޭޓާ މާލޭ ސަރަހައްދާއި ބައެއް ރަށްރަށުގައި މިހާރު ފަށާފައިވާކަން އިއުލާންކޮށްފަ އެވެ.

ޕާސްޕޯޓުގެ ޚިދުމަތް މިހާރު ލިބެނީ ހުޅުމާލޭގެ ފޭސް 1 އާއި 2 ގައާއި، ވިލިމާލެ، ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫގައެވެ. އައިޑީ ކާޑުގެ ޚިދުމަތް ލިބެނީ ހުޅުމާލޭގެ ފޭސް 1 އާއި 2 ގައާއި، ވިލިމާލެ އަދި ހދ. ކުޅުދުއްފުށީގައެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް އަންނަ އަހަރު މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމެވެ.

މި ރަސްމިއްޔާތުގައި އަތޮޅުތަކުގައި މި ޚިދުމަތްތައް ފެށުމުގެ މަގުޗާޓެއްވެސް ހާމަކޮށްފައިވެއެވެ. މި މަގުޗާޓުގައި ހއ. އިހަވަންދޫ އިން ފެށިގެން ސ. ހުޅުމީދޫއާ ހަމައަށް ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާ ތާރީޚުތައް ހިމެނެއެވެ. މިގޮތުން ގިނަ އަތޮޅުތަކެއްގައި 2025 ވަނަ އަހަރުގެ ތެރޭގައި މި ޚިދުމަތްތައް ފެށުމަށް ވަނީ ރޭވިފައެވެ.

އެ މަގުޗާޓުގައި ވާގޮތުގައި ބ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް ޑިސެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް އޮގަސްޓްމަހު ފަށާނެ އެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ޚިދުމަތްތައް ފުޅާކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަޢުލޫމާތުގެ ރައްކާތެރިކަމާއި، އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުރިޓީ ޑޮކިއުމަންޓްތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

ނަމަވެސް މިހާރުގެ ރައީސްގެ ދުރުވިސްނުންފުޅާއެކު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ވުޒާރާ އެކުލަވާލާފައިވާ އޮތުމުން އެ މަގު ފަހިވެފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.