
ނައިންޓީ ޕްލަސް އިން އިންތިޒާމުކޮށްގެން ކުޅިވަރު ވުޒާރާއާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2024 ގައި އޭދަފުށީ ޓީމު ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ގޯލްޑް ކަޕްގައި މިއަހަރު 17 ޓީމު ވާދަކުރެ އެވެ. ގުރު ނެގުމުގެ ރަސްމިއްޔާތު އޮތީ މިރޭ ސިޓްރަންގައި އޮތް ހަފްލާއެއްގަ އެވެ.
އޭދަފުށި ހިމެނުނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ މާލެ ސިޓީ އާއި ތ. ތިމަރަފުށި އަދި ބ. ތުޅާދޫ އެވެ. އެހެން ގްރޫޕްތަކާ އަޅާބަލާއިރު އޭދަފުށި ލައްވާލީ މަރުގެ ގްރޫޕުގަ އެވެ.
މާލެ ސިޓީގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ތިމަރަފުއްޓަކީ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް އޭދަފުއްޓާ ވާދަވެރި ރަށެކެވެ.

ގޯލްޑް ކަޕް މުބާރާތް ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ގޯލްޑް ކަޕްގައި އެންމެ ފުރަތަމަ 22 ރަށަކުން ބައިވެރިވި އެވެ. އެކަމަކު ފަހުން ފަސް ރަށަކުން ނަން އަނބުރާ ގެންދިޔަ އެވެ. ނަން އަނބުރާ ގެންދިޔައީ ހދ. ނޭކުރެންދޫ، ޅ. ހިންނަވަރު، ފ. ނިލަންދޫ، ގއ. ދެއްވަދޫ އަދި އއ. ތޮއްޑޫ އިންނެވެ.
މުބާރާތުގައި ކުޅެވޭނީ އެރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. އެކަމަކު ރަށުން ބޭރުން ދެ ކުޅުންތެރިއަކު ޖެހުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ލިބުނެވެ. އެހެންވެ ބައެއް ރަށްރަށުން ބިދޭސީ ކުޅުންތެރިންނާއި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންގެ ސޮއި ވަނީ ހޯދައިފަ އެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ. އެކަމަކު އަންނަ އަހަރުން ފެށިގެން ޒޯން ތަކަށް ބަހާލައިގެން ކޮލިފައިން ބުރެއް ކުޅޭނެ ކަމަށް ގޯލްޑް ކަޕް ބާއްވާ ނައިންޓީ ޕްލަސް އިން ވަނީ ބުނެފަ އެވެ. އަންނަ އަހަރުން ފެށިގެން މުބާރާތުގެ ފައިނަލް ބުރުގައި ކުޅޭނީ ކޮލިފިކޭޝަނުން ކުރި ހޯދާ ޓީމުތަކެވެ.
މުބާރާތް ރާވާލާފައި ވާގޮތް:
މުބާރާތުގައި އެންމެ ފުރަތަމަ ކުޅޭނީ ގްރޫޕް ސްޓޭޖު ފުރަތަމަ ބުރެވެ. ފުރަތަމަ ބުރުގައި ހިމެނޭ ހަތަރު ގްރޫޕުގެ ތެރެއިން ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭއިރު ދެން ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރަށް ދަތުރުކުރާނީ ޖުމްލަ 12 ޓީމެވެ. ފުރަތަމަ ބުރުގައި ގްރޫޕް އޭ އިން އެންމެ ފުލަށްދާ ދެ ޓީމު ކަޓާއިރު، އަނެއް ތިން ގްރޫޕުން ކަޓާނީ ހަމައެކަނި ފުލަށްދާ ޓީމެވެ. އެހެންވެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު ނިމޭއިރު މުބާރާތުން ކަޓާނީ 5 ޓީމެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި، ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ. ހަތަރު ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ. ދެވަނަ ބުރުގައި ކޮންމެ ގްރޫޕަކުން ވެސް ފުލަށް ދާ ޓީމު ކަޓާނެ އެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ޖެހޭ ޓީމުތައް އެނގޭނީ ފުރަތަމަ ބުރުގެ ނަތީޖާތައް ނުކުންނަ ގޮތަކުންނެވެ.
ގްރޫޕް ސްޓޭޖުގެ ދެ ބުރަށް ފަހު ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލް ކުޅޭނެ އެވެ.
މުބާރާތުގެ ގްރޫޕްތައް:
ގްރޫޕް އޭ: ފުވައްމުލައް ސިޓީ، ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ، ދ. މީދޫ، ހއ. ދިއްދޫ
ގްރޫޕް ބީ: މާލެ ސިޓީ، ތ. ތިމަރަފުށި، ބ. އޭދަފުށި، ބ. ތުޅާދޫ
ގްރޫޕް ސީ: އައްޑޫ ސިޓީ، ޅ. ކުރެންދޫ، ކ. ހުރާ، ކ. ގުރައިދޫ
ގްރޫޕް ޑީ: ޅ. ނައިފަރު، ކ. މާފުށި، ބ. ކެންދޫ، ރ. އަލިފުށި