
އޯޕަލް ޓްރަސްޓް އޮފް މޯލްޑިވްސްއިން ބ. ހިތާދޫގައި “ކްލަބް ވެލެންސިއާ އެކަޑަމީ ބ. ހިތާދޫ” ގެ ނަމުގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން އެކަޑަމީއެއް ފަށައިފި އެވެ.
އޯޕަލް ޓްރަސްޓް އޮފް މޯލްޑިވްސްއަކީ ހިތާދުއަށް ނިސްބަތްވާ މުހަންމަދު އަބުދުއްސައްތާރު އިސްވެހުރެ ރަޖިސްޓްރީކޮށް ހިންގާ ޖަމިއްޔާ އެކެވެ.
އެކަޑަމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިތާދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ، ދިގު ރާސްތާއަށް އަމާޒުކޮށްގެން މިފަދަ އެކަޑަމީއެއް ހިތާދޫގައި ހިންގަން ނިންމެވިކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި މިއީ ކުދިންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ރޮނގުން ރަނގަޅު މޮޅު ދަރިންތަކެއް އުފެދިގެންދާނެ ކަމެއްކަމަށް އޭނާ ފާހަގަކުރެއް ވިއެވެ.

މި އެކަޑަމީގެ ފަރާތުން މިހާރު ވަނީ ފިރިހެން ކުދިންގެ ފުޓުބޯޅައާއި އަންހެން ކުދިންގެ ހޭންޑްބޯލް ޓްރޭނިންގ ޕްރޮގްރާމްތަކެއް ފަށައިފައެވެ. އަދި މި ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް އޯޕަލް ޓްރަސްޓްގެ މަސްއޫލުވެރިޔާ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވިއެވެ.

މި އެކަޑަމީގެ ޗީފް ކޯޗަކީ ކްލަބް ވެލެންސިއާގެ ފައުންޑަރ މެމްބަރު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ހީނާ އަހުމަދު ސަލީމެވެ. އަދި ކުރިއަށް އޮތްތަނުގައި ބެލެނިވެރިންގެ ކޯޗިންގ ކޭމްޕަކާއި ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ވަނީ ރޭވިފައެވެ.
ސައްތާރު ވިދަޅުވި ގޮތުގައި ހިތާދޫގައި މިފަދަ އެކަޑަމީއެއް ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުން ކުޅިވަރަށް އަހުލުވެރިކުރުވުމާއެކު، އެކުދިންގެ ތަރުބަވީ ހަޔާތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމެވެ.
އަދި މި މަސައްކަތަކީ ރަށުގެ ސްކޫލާއި، ބެލެނިވެރިންނާއި، އަންހެނުންގެ ކޮމެޓީއާއި، ކައުންސިލާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

