
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓް ކާމިޔާބުކުރި ޖަމިއްޔާތައް ހޮވައިފި އެވެ.
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ޕްރޮޖެކްޓެކެވެ.
މި މަޝްރޫޢުގެ ދަށުން ‘ލިވް އެންޑް ލާން އެންވަޔަރަމަންޓަލް އެޑިއުކޭޝަން މޯލްޑިވްސް’ އަށް ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށަށް ތިން ގްލާސް ކްރަޝަރ މެޝިން ފޯރުކޮށްދޭނެއެވެ. އަދި ‘މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)’ އަށް ހުޅުމާލޭގައި ބޭނުންކުރުމަށް ގްލާސް ކްރަޝަރ މެޝިނަކާއި ބޭލަރ ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އާދަތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫޢުގެ ސަބަބުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް، ކުނި ނައްތާލުމުގެ ހަރަދު ކުޑަކުރެވި، އަދި ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ދެމެހެއްޓެނިވި ތަރައްގީ ހޯދައިދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން މިފަދަ އެކި މަޝްރޫއުތައް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ މުޖުތަމައަށް އެހީތެރިވަމުންނެވެ.

