
ބ. އަތޮޅު ހޮސްޕިޓަލުން އަންނަ މަހުގެ ހިތާނީ ކޭމްޕައި ނަން ނޯޓުކުރަން ހުޅުވާލައިފި އެވެ.
ސްކޫލުތަކުގެ މިޑްޓާމް ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދާ މި ކޭމްޕް އޮންނާނީ އަންނަ ޑިސެމްބަރުމަހުގެ މަހުގެ 21-26 އަށެވެ.
ހިތާނީ ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް 660294، 6608309 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
މި ކޭމްޕަގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހެ އެވެ. ހިތާނު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރެ އެވެ.
އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕްގައި ވެސް ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ އޮޕަރޭޝަން ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.
ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަތޮޅު ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ކޭމްޕްތައް ބާއްވަ އެވެ. އެގޮތުން މިއީ އެ ހޮސްޕިޓަލުން މިއަހަރު ކުރިއަށް ގެންދާ ދެ ވަނަ ހިތާނީ ކޭމްޕެވެ.

