
ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ އަދި ސިއްހީ ހިދުމަތުގެ އަގު ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލެންޑާއި ޔޫއޭއީ އިން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، މި ކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އެ ދެ ޤައުމުގެ ހޮސްޕިޓަލްތަކާ އެކު މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ގޮތެއް ހޯދާފައިވާ ކަމަށެވެ. އެއާ ގުޅޭ އިތުރު ތަފްސީލާއި ތާރީޚެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭނަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އެ ވަޢުދު ފުއްދަވާނެ” ހިނާ ވިދާޅުވި އެވެ.
ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަން އިޢުލާންކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

