މުވާސަލާތީ ހިދުމަތްތަކުން އިތުރު ފީއެއް ނަގަނީ

ހުޅުމާލޭގައި ޤާއިމްވެފައިވާ އުރީދޫ މައި އޮފީސް އިމާރާތް / ފޮޓޯ: އުރީދޫ

ދިވެހި ސަރުކާރުން މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަތުން އަންނަ އަހަރުން ފެށިގެން އިތުރު ފީއެއް ނަގަން ނިންމައިފި އެވެ.

މި ނިންމުމަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމެނޭ، ފިސްކަލް އަދި ދަރަނި މެނޭޖްކުރުމަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

މި ގޮތުން، ރާއްޖޭގެ ރޭޑިއޯ ފްރިކުއެންސީ ސްޕެކްޓްރަމް ހަރުދަނާކަމާއެކު ބެލެހެއްޓުމަށްޓަކައި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށް ވަނީ ނިންމާފައެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައި ކަމާގުޅޭ ޤާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނައުމަށްފަހުގައެވެ. ނަމަވެސް، މި ފީ ނަގައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއެއް ބަޖެޓްގައި ހިމަނާފައެއް ނުވެއެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 29 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ޓެކްސްގެ ގޮތުގައެވެ. އާމްދަނީ އިތުރުކުރުމަށްޓަކައި ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކްސް އަދި އެހެނިހެން ފީތަކުގެ ރޭޓުތައް މަތިކުރުމަށާއި، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ރޭޓުތައް މަތިކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ބިން ހިއްކުމުގެ މަޝްރޫޢުތަކުން ވެސް ފީއެއް ނަގަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ދައުލަތުގެ އާމްދަނީ އިތުރުކޮށް، ފިސްކަލް އަދި ދަރަނި މެނޭޖްކުރުމަށް އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅުތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.