
ނައިންޓީ ޕްލަސް އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެ އަށް ހުޅުވާލައިގެން މާލޭގައި ބާއްވާ ގޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބ. އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ތުޅާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ބާއްވާ ފުރަތަމަ ބޮޑު މުބާރާތުގައި 17 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ދެ ބުރު ކުޅޭއިރު އޭގެފަހުން ނޮކައުޓް ބުރުގެ މެޗުތައް ކުޅޭނެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ތުޅާދޫއާ ދެކޮޅަށް އޭދަފުށި ނުކުންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. ދެވަނަ މެޗުގައި ނޮވެމްބަރު 27 ވާ ބުދަ ދުވަހުގެ ހަވީރު ކުޅޭނީ ތިމަރަފުއްޓާ އެވެ. ފުރަތަމަ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާލެ ސިޓީއާ އޭދަފުށި ބައްދަލުކުރާނީ ޑިސެމްބަރު 1 ވަނަ ދުވަހުގެ ހަވީރު އެވެ.
ހަތަރު ޓީމު ހިމެނޭ އެ ގްރޫޕުން އަނެއް ބުރަށް ދާނީ ތިން ޓީމެވެ. ފުލަށްދާ ޓީމު މުބާރާތުން ކަޓާނެ އެވެ.
އޭދަފުއްޓާއި ތުޅާދޫ ފުޓްބޯޅައިގައި ފަހަކަށް އައިސް ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ދެ ޓީމު ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ.
އަހަރުތަކަކަށް ފަހު އޭދަފުށި ގަލޮޑު ދަނޑަށް ނުކުންނައިރު، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވަމުން އައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު އޭދަފުށި ހޯދި އެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ތިމަރަފުއްޓާ ވާދަކޮށް 0-1 އިން މޮޅުވެގެންނެވެ.
ގޯލްޑް ކަޕް ފަށާނީ މާދަމާ ހަވީރު ގްރޫޕް އޭގައި ހިމެނޭ ފުވައްމުލައް ސިޓީ އާއި ދ. ކުޑަހުވަދޫ ވާދަކުރާ މެޗުންނެވެ.

