ގޯލްޑް ކަޕްގައި ނިޝާމް އޭދަފުއްޓަށް ކުޅެން އީގަލްސް އިން ހުއްދައެއް ނުދިން

މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި، އޭދަފުއްޓަށް އުފަން ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަށް ކްލަބް އީގަލްސް އިން ހުއްދަ ނުދިނުމުން މުބާރާތުގައި ކުޅެވޭނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ނައިންޓީ ޕްލަސް އިން އިންތިޒާމުކޮށްގެން ޖުމްލަ 17 ޓީމާ އެކު ގަލޮޅު ދަނޑުގައި ރޭ ފެށި މުބާރާތަށް ނެގި އޭދަފުށި ޓީމުގައި ނިޝާމް ވަނީ ހިމަނައިފަ އެވެ. ނިޝާމް އަކީ ކްލަބް އީގަލްސް އަދި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި، މިހާރު ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ މޮޅު މިޑްފީލްޑަރެކެވެ.

އީގަލްސް އިން ވަނީ އެޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ގޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ބުނެ، ކުޅުންތެރިންނަށް އަންގައިފަ އެވެ. އެ ކްލަބުން ބުނީ ކްލަބުގެ ކޮންޓްރެކްޓްގައި ހިމެނޭ ކުޅުންތެރިންނަށް ގޯލްޑް ކަޕްގައި ކުޅެން ހުއްދަ ނުދެނީ، ގޯލްޑް ކަޕަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯޒް ކޮށްފައިވާ މުބާރާތަކަށް ނުވާތީ ކަމަށެވެ. އަ، އެފްއޭ އާއި އީގަލްސްގެ ނިންމުމާ ހިލާފަށް މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ފިޔަވަޅު އަޅަން މަޖުބޫރު ވާނެކަމަށް އީގަލްސް އިން ވަނީ ކުޅުންތެރިންނަށް އަންގައިފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ހުއްޓިފައިވާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު މިދިޔަ ދުވަސްތަކުގައި ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން އަންނަނީ އަތޮޅުތަކުގެ މުބާރާތްތަކުގައި ކުޅެމުންނެވެ. އީގަލްސްގެ ކުޅުންތެރިން ގޯލްޑް ކަޕްގައި ކުޅުން ހުއްޓުވިއިރު މިހާރުވެސް އެ ކްލަބުގެ އެއްބަސްވުމުގައި ތިބި ގިނަ ކުޅުންތެރިންތަކެއް އަތޮޅު ތެރޭގެ މުބާރަތްތަކުގައި އަންނަނީ ކުޅެމުންނެވެ.

ގޯލްޑް ކަޕްގައި ނިޝާމް އަށް ނުކުޅެވޭކަމަށް އީގަލްސް އިން ބުނެފައިވާއިރު، ނިޝާމް މިހާރު ހުރީ އދ. މަހިބަދޫގައި ކުރިއަށްދާ މުބާރާތުގައި ކުޅެން އެރަށުގަ އެވެ. އެކަމަކު އެ މުބާރާތުގައި ކުޅުމަށް ހުރަހެއް އޮތް ކަމަކަށް އީގަލްސް އިން ބުނެފައެއްނުވެ އެވެ.

އޭދަފުއްޓަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ކުޅުންތެރިން ނެރެދީފައިވާ ރަށެވެ. ނިޝާމްގެ އިތުރުން މާޒިޔާ އަށް ކުޅޭ ގައުމީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން އަށް ވެސް ގޯލްޑް ކަޕްގައި ނުކުޅެވެނީ މާޒިޔާ އިން ހުއްދަ ނުދިނުމުންނެވެ.

މިވަގުތު ފުރަތަމަ ޑިވިޝަނުގައި އޮތް އެންމެ ބޮޑު ދެ ޓީމު ކުޅުންތެރިންނަށް ގޯލްޑް ކަޕްގައި ނުކުޅެވޭ ގޮތަށް ހެދުމުން އާއްމުންގެ ފާޑުކިޔުން އެ ދެ ކްލަބަށް އަންނަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް އުފަން ރަށް ތަމްސީލު ކުރުމުގެ ކުޅުންތެރިންނަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ ހާމަކުރަމުންނެވެ.

ގޯލްޑް ކަޕްގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.