
ނައިންޓީ ޕްލަސް އިން އިންތިޒާމުކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ ގޯލްޑް ކަޕް 2024 ގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ތުޅާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
އަލުން ގަލޮޅު ދަނޑަށް ނިކުންނައިރު އެއީ އޭދަފުށީގެ ފުޓްބޯޅައިގެ ރަން މާޒީއާ ގުޅިފައިވާ ދަނޑެކެވެ. ގަލޮޅު ދަނޑުގައި އޭދަފުށި ވަނީ އައްޑިހައިގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. އޭގެފަހުން ގަލޮޅު ދަނޑުގައި އޭދަފުށިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. އަދި، ކްލަބް އޭދަފުށީގެ ނަމުގައި އެފްއޭ ކަޕްގައި ވެސް އޭދަފުށި ވާދަކުރި އެވެ.
މިދިޔަ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނުގައި އޭދަފުށި ނެތްކަމުގައި ވީނަމަވެސް، ރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން އަންނަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅެމުންނެވެ. މިހާރު ރާއްޖޭގެ ގައުމީ ޓީމުގައި ވެސް އޭދަފުށީގެ ހަތަރު ކުޅުންތެރިން ހިމެނެ އެވެ.
ގޯލްޑް ކަޕަށް ނުކުންނަ އޭދަފުށި ޓީމުގައި ރަށުން ބޭރުގައި ހިމަނާފައިވަނީ މިސްރުގެ ޑިފެންޑަރު ކަމެލް މުހައްމަދު (ކީމޯ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އަހުމަދު އައިހަމް (އައިހު) އެވެ.

އެހެން ކުޅުންތެރިންނަށް ބަލާއިރު ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން މުހައްމަދު އަޖުފާން ވަނީ ޓީމުގައި ހިމަނައިފަ އެވެ.
ގައުމީ ޓީމުގައި އޭދަފުށި ތަމްސީލުކުރާ ހަތަރު ކުޅުންތެރިންގެ ތެރެއިން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން އަދި ކްލަބް އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ޓީމުގައި ހިމެނި ނަމަވެސް، އެ ކުޅުންތެރިންގެ ކްލަބްތަކުން ގޯލްޑް ކަޕްގައި ކުޅެން ހުއްދައެއް ނުދެ އެވެ. އެކުޅުންތެރިންނަށް އުފަން ރަށަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ އާއްމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ސްކޮޑުގައި ހިމެނި 23 ކުޅުންތެރިންގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިންނާއި ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ. އޭގެތެރެއިން ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ދެކުޅުންތެރިންނަކީ މުހައްމަދު ފާސިރު (ފާއްޓެ) އާއި އިޝާން އިބްރާހީމް (ސައްޓު) އެވެ. ޓީމުގެ ގޯލްކީޕަރަކީ އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޒިޔަޒަން އެވެ.
ގޯލްޑް ކަޕްގައި އޭދަފުށިން ވާދަކުރާ ޓީމު އެކުލަވާލީ ކައުންސިލްގެ އިސްނެގުމާއެކު އެވެ.
ގޯލްޑް ކަޕްގައި އޭދަފުއްޓާއި ތުޅާދޫ ހިމެނުނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ މާލެ ސިޓީ އާއި ތ. ތިމަރަފުއްޓެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި މާލެއިން ވަނީ 0-4 އިން ތިމަރަފުށި ބަލިކޮށްފަ އެވެ.

ގޯލްޑް ކަޕްގެ ފުރަތަމަ މެޗަށް އޭދަފުށި މިއަދު ހަވީރު ނުކުންނައިރު ޓީމުން އެދެނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އޭދަފުށީގެ ސަޕޯޓަރުން ގަލޮޅު ދަނޑަށް ދިއުމަށެވެ.
މުޅި ރާއްޖެ އަށް ހުޅުވާލި ގޯލްޑް ކަޕްގެ ފުރަތަމަ މުބާރާތުގައި 17 ޓީމަކުން ވާދަކުރެ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުން ކަޓާނީ 5 ޓީމެވެ. އެއީ ގްރޫޕް އޭ އިން ދެ ޓީމު، އަދި ގްރޫޕް ބީ، ސީ، އަދި ޑީ އިން އެއް ޓީމެވެ. އޭގެފަހުން ކުޅޭނީ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރެވެ. 12 ޓީމުގެ މެދުގައި ހަތަރު ގްރޫޕަށް ބަހާލައިގެން ކުޅޭ ބުރަށް ފަހު ކުއާޓާ ފައިނަލަށް 8 ޓީމު ހޮވޭނެ އެވެ.
އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 3:50 ގަ އެވެ. މެޗުގެ ޓިކެޓް ގަލޮޅު ދަނޑުން ލިބޭނެ އެވެ. ސިޑިބަރީގެ ޓިކެޓް 30 ރުފިޔާ އަށް ލިބޭއިރު ގޮނޑިބަރިން ޓިކެޓް ލިބޭނީ 50 ރުފިޔާއަށެވެ.