އަލީ ނަސީމްގެ ޖާދުވީ ހެޓްރިކާއެކު އޭދަފުއްޓަށް ބޮޑު މޮޅެއް

އައްޔަ އޭދަފުށި ޓީމަށް ގޯލެއް ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު އަލީ ނަސީމް (ދިއްލި) ގެ ހެޓްރިކާ އެކު 1-5 އިން ތުޅާދޫ ބަލިކޮށްފި އެވެ.

މެޗުގައި އަލީ ނަސީމް ހެޓްރިކް ހެދިއިރު އޭނާ ޖެހި ގޯލުތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. މުޅި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އޭދަފުއްޓަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ ހޯދި އެވެ.

އޭދަފުށިން މޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. ހުސައިން ޝަރީފް ނަގައިދިން ކޯނަރު އަޖުފާން ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އޭދަފުށީގެ ދެވަނަ ގޯލު 44 ވަނަ މިނެޓުގައި ޖެހީ ޖައުޝަން މުހައްމަދު (ޖައު) އެވެ. އޭރިޔާ ތެރެއިން ހުހަށް ލިބުނު ބޯޅަ ޖައު ފޮނުވާލުމުން، ގޯލަށް ވަންނަން ދަނިކޮށް އެ ބޯޅަ ހުއްޓުވަން ތުޅާދޫ ކުޅުންތެރިއަކު މަސައްކަތް ވެސް ކުރި އެވެ. އެކަމަކު ޑިފެންޑަރު ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

އައްޔަ އޭދަފުށި ޓީމަށް ގޯލެއް ޖަހައިދިނުމަށް ފަހު ޓީމު ކުޅުންތެރިންނާއެކު އުފާފާޅު ކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގައި އަލީ ނަސީމް ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. އަލީ ނަސީމް މެޗުގައި ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގަ އެވެ. އުނައިޝް ޒުބައިރު (އުނޭ) ހުސްކޮށްލާފައި ދިން ބޯޅަ ހޯދުމަށް ފަހު ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ.

އޭދަފުށި ހަތަރު ގޯލު ކުރީގައި އޮއްވައި ތުޅާދޫ އިން ވަނީ ލިބުނު ޕެނަލްޓީއަކުން 61 ވަނަ މިނެޓުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިފަ އެވެ. އެ ޕެނަލްޓީ ވައްދާލީ އަހުމަދު ހުސައިން އެވެ.

އޭދަފުއްޓާ ތުޅާދޫ ބައްދަލުކުރި މެޗުގެ ތެރެއިން.– ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގައި ސަމާލުކަން ހުއްޓުނު ގޯލު ޖަހައި އަލީ ނަސީމް ހެޓްރިކް ފުރިހަމަކުރީ 70 ވަނަ މިނެޓުގަ އެވެ. ހާފު މެދުން އަލީ ނަސީމަށް ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. އަލީ ނަސީމްގެ އެ ގޯލަކީ ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑުން ފެނުނު އެންމެ މޮޅު އެއް ގޯލެވެ.
މެޗުގައި ލީޑު ފުޅާކުރަން އޭދަފުއްޓަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.

ގޯލްޑް ކަޕްގައި އޭދަފުށި ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު ނުކުންނާނީ ތިމަރަފުއްޓާ ދެކޮޅަށެވެ. ތިމަރަފުށި ވަނީ ފުރަތަމަ މެޗުގައި މާލެ ސިޓީ އަތުން 0-4 އިން ބަލިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.