އިތުބާރާއެކު އޮތް އޭދަފުށި، ވަރުގަދަ މާލެއާ ދެކޮޅަށް މިރޭ ނުކުންނަނީ

އޭދަފުއްޓާ ތިމަރަފުށީ ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ: ނިޝާން އަލީ | މިހާރު

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފުރަތަމަ ބުރުގައި އޭދަފުށިން މިރޭ މާލެ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭދަފުއްޓާއި މާލެ ހިމެނެނީ ގްރޫޕް ބީގަ އެވެ. ދެ ޓީމު ވެސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެ ދެވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. މިރޭގެ މެޗުން ކަށަވަރުވާނީ ގްރޫޕުގެ އެއްވަނަ އެވެ. މިވަގުތު އެއްވަނައިގައި ގޯލުގެ ތަފާތުން އޮތީ މާލެ އެވެ.

އޭދަފުއްޓަށް ގްރޫޕުގެ އެއްވަނަ ލިބޭނީ މިރޭ މާލެ ބަލިކޮށްގެންނެވެ. މެޗު އެއްވަރުވެއްޖެ ނަމަ އެއްވަނަ ލިބޭނީ މާލެ އަށެވެ.

ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގައި ކަޓާނީ އެއް ޓީމެވެ. އެ ޓީމު ކަށަވަރުވާނީ މާދަމާ ހަވީރު ތިމަރަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗުންނެވެ. މިވަގުތު ތިން ވަނައިގައި ތިމަރަފުށި އޮތްއިރު ފުލުގައި އޮތީ ތުޅާދޫ އެވެ. އެ ދެ ޓީމު ވެސް ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ.

އޭދަފުއްޓާއި މާލެ އިން އަންނަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭދަފުށި ވަނީ ފުރަތަމަ މެޗުގައި ތުޅާދޫ 1-5 އިން ބަލިކޮށް އަދި ދެވަނަ މެޗުގައި ތިމަރަފުށި 0-4 އިން ބަލިކޮށްފަ އެވެ.

މާލެ އިން ކުޅުނު ފުރަތަމަ މެޗުގައި ތިމަރަފުށި 0-4 އިން ބަލިކުރިއިރު ދެވަނަ މެޗުގައި ތުޅާދޫ ބަލިކުރީ 0-5 އިންނެވެ.

މުބާރާތުގައި 17 ޓީމަކުން ބައިވެރިވެފައިވާއިރު ދެވަނަ ބުރުން ފުރުސަތު ލިބޭނީ 12 ޓީމަށެވެ.

އޭދަފުއްޓާއި މާލެ ވާދަކުރާ މެޗު ގަލޮޅު ދަނޑުގައި ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.